ފުލުހަކާއި އޭނާގެ އަނބިމީހާ މަކަރާއި ހީލަތުން ފައިސާތަކެއް ހޯދި ވާހަކައަކީ ދޮގެއް: ފުލުހުން

ފުލުހަކާއި އޭނާގެ އަނބިމީހާ ބައިވެރިވެގެން މަކަރާއި ހީލަތުން ފައިސާތަކެއް ހޯދި ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިކަން ދޮގުކުރީ މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅި މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުމެއް އޮތްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔަނެއްގައެވެ. މިމައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެމީހާގެ ދަންނަ މީހުންނަށް މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށާއި މިމައްސަލައާއި ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހްގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި މީގެ އިތުރުން މިމައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރި އެއް ބޭންކް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކް އެކައުންޓް ކަމުގައިވީ ނަމަވެސް އެއެކައުންޓަކީ އެއަންހެން މީހާގެ އީމެއިލް އާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާާޅުވެފައިވެއެވެ.

މިމައްސަލަ ހުށަހެޅުމާއިއެކު ތަހްގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ވައިބަރ އެކައުންޓް ރިކަވާކޮށް އެއެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެކައުންޓް ވަނީ ގެނެވިފައި ކަމަށާއި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ -/10100 ރުފިޔާ އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. މިފައިސާގެ ތެރެއިން -/5600 ރުފިޔާ ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހްގީގުގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އޮތްކަން ފާހަގަ ކުރެވިއްޖެނަމަ އެފުލުހެއްގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ފުލުހުންގެ ބަޔާނުގައި ދީފައި ވެއެވެ. އަދި ފުލުހުން ވިދާޅުވީ، މިމައްސަލަ މިހާރު ވެސް ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި ރިކަވާ ނުކުރެވި ހުރި ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުންގެ ނަން ކިލަނބުވާ ގޮތައް ޚަބަރާއި މައުލޫމާތު ފެތުރުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން އެގޮތައް ނުކުރުމަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު