ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރިޔަށްގެންދާއިރު މާލޭގެ ކެފޭތަކުން ވިސާ ނެތި އުޅުނު 7 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، ފާއިތުވި ދެ ދުވަހު މާލޭގެ ކެފޭތައް ބަލާ ފާސްކޮށް ސައްހަ ވިސާ ނެތި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ހިންގަމުންދާ 8 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަންތަކުގައި 5012 ބިދޭސީން ރާއްޖެއިން ފުރުވާލާފަވާއިރު 1300 އަށް ވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތަޢާރަފްކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 900އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.