ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސްއިން ލަފާކޮށްފިއެވެ.
މޫޑީސްއިން މި ކަން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމާ ގުޅޭގޮތުން ނެރުނު ބަޔާނުގައެވެ. މިގޮތުން، މިދިޔަ ސެޕްޓެންބަރު މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 އަށް ބަދަލުކުރުމަށްފަހު، މިއަދު ނެރުނު ރޭޓިންގގައި އިތުރަށް ރޭޓިންގ ދަށްނުކޮށް، އެ މިންގަނޑުގައި ދަމަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.
މޫޑީސްގެ ބަޔާނުގައި، ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލާފައިވެއެވެ. މީގެ ތެރޭގައި:
– މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަލަށް ތަޢާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތައް
– ސަރުކާރުން ޓެކްސްއަށް ގެނައި އިޞްލާޙުތައް
– އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުން
މި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ގޮންޖެހުންތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ:
1. ރާއްޖެއަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށް
2. 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމުގެ މައްޗަށް ކަމަށް މޫޑީސްއިން ބަޔާންކޮށްފައިވެއެވެ.



