މާލޭ އެއްގަމު ތޮށި މަރާމާތުކުރުމުގެ ޑިޒައިން މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށް ކޮންސަލްޓަންޓަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ކިޔާ މި މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ ސެޕްޓެމްބަރު މަހު ޖަޕާނު ސަރުކާރާއެކު ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓުގެ ޑީޓެއިލް ޑިޒައިން ކުރުމުގެ ގޮތުން ކޮންސަލްޓެންސީ އެއްބަސްވުމެއް މިއަދު ފޮނުވާފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު ތައާމް މުހައްމަދެވެ. އަދި، ކޮންސަލްޓެންޓް ޓީމުގެ ފަރާތުން ސޮއިކޮށްފައިވަނީ ޗީފް ކޮންސަލްޓެންޑް ހިރޯމީ ނަމިކީ އެވެ.
ޖަޕާނު ސަރުކާރުން މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް 20 މިލިއަން ޔެން (140،000 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވެއެެވެ.
މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ ސެޕްޓެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަޝްވަރާ މަރުހަލާ ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި ތޮށި ލެވުނީ 1990 ގައި، 1987 ގެ ބޮޑު ރާޅު އެރުމަށްފަހު، ޖަޕާނުގެ އެހީގައެވެ. އަދި، 2022 ގައި، އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށާއި މާލޭގެ ފެން ހިންދާ ނިޒާމު ރަނގަޅުކުރުމަށް ސާވޭތަކެއް ކުރުމަށް ޕްލޭނިން މިނިސްޓްރީއާއި ޖައިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.



