އިންޑިއާގެ ގައުމީ އެއާލައިން، އެއަރ އިންޑިއާއިން ވެރިރަށް ދިއްލީ އަދި މުމްބާއީއިން ކޮންމެ ދުވަހު ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަަށައިފިއެވެ.
އެގޮތުން، ދިއްލީން މާލެއަށް ފްލައިޓް ފުރާނީ ކޮންމެ ދުވަހަކު ހެނދުނު އިންޑިއާ ގަޑިން 10:15 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާނީ ރާއްޖެ ގަޑިން މެންދުރުފަހު 1:50 ގައެވެ. އަދި މާލެއިން ދިއްލީއަށް ދަތުރުކުރާ އެއާ އިންޑިއާގެ ފްލައިޓް ފުރާނީ ކޮންމެ ދުވަހަކު މެންދުރުފަހު ރާއްޖެ ގަޑިން 2:50 ގަ އެވެ. އެ ފްލައިޓް އިންދިރާ ގާންދީ އިންޓަނޭޝަން އެއާޕޯޓުގައި ޖައްސާނީ އިންޑިއާ ގަޑިން ރޭގަނޑު 7:25 ގައެވެ.
ޝެއިޑިއުލް ހަމަޖެހިފައިވާ ގޮތުން، މުމްބާއީއިން ރާއްޖެ އަންނަ ފްލައިޓް ފުރަނީ އިންޑިއާ ގަޑިން ހެނދުނު 9:30 ގައެވެ. އެ ފްލައިޓް ވީއައިއޭގައި ޖައްސާނީ ރާއްޖެ ގަޑިން ހެނދުނު 11:50 ގައެވެ. އަދި މާލެއިން މުމްބާއީއަށް ފްލައިޓު ފުރާނީ ރާއްޖެ ގަޑިން މެންދުރު 12:50 ގައެވެ. އެ ފްލައިޓް މުމްބާއީ އެއާޕޯޓުގައި ޖައްސާނީ އިންޑިއާ ގަޑިން ހަވީރު 4:05 ގައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު ފިޔަވަޅެއްކަމުގައި ފާހަގަވާއިރު، އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް އެ ގައުމުން 101,179 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ބޭސްފަރުވާގެ ކަންކަމަށް ދިއްލީ އަދި މުމްބާއިއަށް ވެސް ދިވެހިން ދަތުރުކޮށް އުޅެއެވެ.