ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެއެވެ.
އެ ރޯޑްޝޯގެ މަޤްޞަދަކީ، ރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެ ސަރަހައްދުގައި އިޝްތިހާރު ކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ’އައި އެމް މޯލްޑިވްސް ރޯޑްޝޯ’ގެ ނަމުގައި އަޒަރުބައިޖާނުގެ ބާކޫ އާއި ޖޯޖިއާގެ ތިބިލީސީގައި ބާއްވާ ހަރަކާތްތައް އޮންނާނީ މިމަހުގެ 17އިން 20 އަށް ކަމަށެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރިޒޯޓުތަކައި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ޓްރެވެލް އޭޖެންސީތައް ހިމެނޭ ގޮތަށް 18 ފަރާތަކުން ބައިވެރިވެ، ބޭރުގެ ވިޔަފާރިތަކާ ގުޅުން ބަދަހިކުރާނެއެވެ.