ރޮނާލްޑޯ ފެނަބާޗީއަށް ބަދަލުވާނެކަމުގެ އުއްމީދު ކުޑަކަމަށް މޮރީނިއޯ ބުނެފިއެވެ.
ފެނަބާޗީގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ބަދަލުވެދާނެކަމަށް ދެކެވެމުންދާ ވާހަކަތަކަށް ޖަވާބުދީފައެވެ.
މޮރީނިއޯ ބުނީ ރޮނާލްޑޯ ފެނަބާޗީއަށް ނާންނާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރުވެސް އެ ކުލަބުގައި ރަނގަޅު ތިން ކުޅުންތެރިން ތިބި ކަމަށާއި، އިތުރު ކުޅުންތެރިއަކު ބޭނުމެއް ނޫން ކަމަށެވެ. އަދި ރޮނާލްޑޯއަށް ސައުދީ އަރަބިއްޔާގައި ލިބޭ މުސާރައާއި 1،000 ލަނޑު ޖެހުމުގެ އަމާޒު އޮތް ހިނދު، އިސްތަންބޫލުގެ ރީތިކަން ފިޔަވައި އިތުރު އެއްވެސް ސަބަބަކާހުރެ އޭނާ ތުރުކީއަށް އަންނާނެ ކަމަށް ނުދެކޭ ކަމަށް މޮރީނިއޯ ބުންޏެވެ.
މީގެ އިތުރުން، މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގެ މެދުތެރެއިން ކުޅުންތެރިން ގެނައުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި މި ދުވަސްވަރު އަންނަ ކުޅުންތެރިންނަށް އާ މާހައުލަކަށް އަހުލުވެރިވުމަށް ވަގުތު ބޭނުންވެއެވެ.
ފެނަބާޗީ މިހާރު ވަނީ ތުރުކީ ސުޕަރ ލީގުގެ ދެވަނައި ގައެވެ. 13 މެޗުން 32 ޕޮއިންޓް ހޯދައި، އެންމެ މަތީގައިވާ ގަލަޓަސަރޭއާ ދެމެދު އޮތީ 3 ޕޮއިންޓުގެ ތަފާތެކެވެ. އަދި މިހާތަނަށް 36 ލަނޑު ޖަހައި، ލީގުގެ އެންމެ ވަރުގަދަ ހަމަލާދޭ ޓީމަކަށްވެސް ވެފައިވެއެވެ.