18 ޖަނަވަރީ 2025

ދަރިވަރުން އެދުނުގޮތަށް މާފަންނު މަދަރުސާގައި ހޯލެއް އަޅައިދޭނަން: ރައީސް

މާފަންނު މަދަރުސާގެ ދަރިވަރުން އެދުނުގޮތަށް އެ ސްކޫލްގެ ތިރީބުރީގައި އަންނަ އަހަރު ހޯލެއް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއްކަމަށެވެ.

މާފަންނު މަދަރުސާއިން ތައުލީމު ހާސްކޮށްފައިވާ ދަރިވަރުން ދަނީ މިއަދު އެކިއެކި ދާއިރާތަކުން ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަމުންކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ވަނީ އެ ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުރުމުގެ ސަބަބުން އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އެ ދަރިވަރުންގެ ކަންބޮޑުވުން އަޑުއައްސަވައި، ރައީސް ވަނީ އަންނަ އަހަރު އެ ސްކޫލްގެ ގްރައުންޑްގައި ހޯލެއް އަޅުއްވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"މިއަންނަ އަހަރު މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް ހަސައިދޭނެކަމުގެ ޔަޤީންކަން". ރައީސް ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާއި އެކީގައި އެހީތެރިކަން ދެމުންދާ ސްކޫލެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި އެ ސުކޫލަށް ޚިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕަރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު