ދެކުނު ކޮރެޔާގެ ރައީސް ޔޫން ޔޯލް މަޤާމުން ވަކިކުރުމަށް ޤާނޫނުހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ. މި ވޯޓު ނެގުނީ ޑިސެމްބަރ 3 ވަނަ ދުވަހު ޔޫން ކުއްލިހާލަތު އިޢުލާނުކުރެއްވުމާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ.
ރައީސް ޔޫން ވަނީ ކުއްލި ޙާލަތު އިޢުލާނުކުރެއްވިކަމަށްޓަކައި މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެ ކަމަށް އިޝާރާތްކުރެއްވިއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް 200 މެންބަރުންގެ ވޯޓު ބޭނުންވި ނަމަވެސް، ވޯޓުގައި ބައިވެރިވެފައިވަނީ އެންމެ 195 މެންބަރުންނެވެ. މިއީ ޔޫންގެ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރުން ހިމަނައިގެންނެވެ. އެހެންކަމުން ޔޫންގެ އިތުބާރު ނެތްކަމުގެ ހުށަހެޅުން ވަނީ ބާޠިލުކޮށްފައެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ބުނެފައިވަނީ ޔޫންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ތަޅުމަށް ވައްދާނެ ކަމަށެވެ. އެހެންނަމަވެސް، ޔޫންގެ ޕާޓީ ކަމުގައިވާ ޕީޕީޕީން ބުނެފައިވަނީ ރައީސް މަޤާމުން ދުރުކުރުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.