ފައިސާ ޗާޕުކުރުމުގެ މައްސަލައިގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤްް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކަށް ރައްދުދެއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވި ގޮތުގައި، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޭނުންވެއްޖެނަމަ ފައިސާ ޗާޕުކުރުމަށް ޤާނޫނަށް ބަދަލު ގެނައުމުގެ ބާރު ލިބިފައިވާ މެޖޯރިޓީ މަޖިލީހުގައި އެބައޮތެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަމީރުގެ ވަޒީރުކަމުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވަނީ މޮނޮޕޮލީ ކުޅެން ބޭނުންކުރާ ފައިސާއާ އެއްވަރަށް ދަށްވެފައިކަމަށްވެސް އަޒާން ވިދާޅުވިއެވެ.
އަޒާން މިހެން ވިދާޅުވެފައިވާއިރު، އަމީރު ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނަށް ބަދަލު ގެނެސް، ޕަބްލިކް ބޭންކް އޯވަރޑްރޯ ލިމިޓް މަތިކޮށްފައެވެ. މިގޮތުން، ކުރިން 1 އިންސައްތައިގައި ހުރި އޯވަރޑްރޯ ލިމިޓް 2.5 އިންސްތައަށް މަތިކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަރަންޏަށް ފައިސާ ނެގޭ މިންވަރު މަހަކު ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
ފައިސާ ޗާޕްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި މިހާތަނަށް މި ސަރުކާރުން ފައިސާ ޗާޕްކޮށްފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެފައެއް ނުވެއެވެ.
"ފައިސާ ޗާޕުކުރުން ހުއްޓާލާނެކަން އެއީ ވެސް އަޅުގަނޑުވީ ވައުދެއް. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފިން،" ރައީސް މުޢިއްޒު މިދިޔަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވިދާޅުވިއެވެ.