8 ފެބުރުވަރީ 2025
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް

އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ނަޒާހަތްތެރި، ގާބިލް ބޭފުޅަކު އައްޔަންކުރެއްވުމުން އުފާކުރަން: ރައީސް މައުމޫން

އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ނަޒާހަތްތެރި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމުން އުފާފުޅުކުރައްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މައުމޫން ވަނީ، އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ނަޒާހަތްތެރި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމުން އެކަން ފާހަގަކުރައްވާފައެވެ.
“އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ނަޒާހަތްތެރި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު އައްޔަން ކުރެއްވުމުން އުފާކުރަން.“ ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަން ކުރައްވާފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މަޢުރޫފް އައްޔަންކުރައްވާފައިމިވަނީ ކުރިން އެމަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އޭނާ އެ މަޤާމުން އިސްތިއުފާދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ތަހުގީގްކުރަމުންދާތީ، އެ ތަހުގީގަށް ފުރުޞަތު ދިނުމަށެވެ.

މައުރޫފް ޖަމީލަކީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ހުޅުމާލެ މަޝްރޫޢަކީ ރައީސް މައުމޫންގެ ތަސައްވުރުގެ ދަށުން ފެއްޓެވި މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގަމުން އައިސްފައިވަނީ އެޗްޑީސީންނެވެ. ދިވެހިރާއްޖޭގެ ބިންވެރިކަމުގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ހުޅުމާލެ ހިއްކުމުގެ މަޝްރޫޢެވެ. މި މުހިންމު މަޝްރޫޢުގެ ފެށުނީ، 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މާލޭގެ އުތުރު-ހުޅަނގު ފަރާތުން 1.3 ކިލޯމީޓަރު (0.81 މޭލު) ދުރުގައިވާ ހުޅުލެ-ފަރުކޮޅުފުށި ފަޅުގައެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ކުރެވުނު އެންމެ ބޮޑު މަސައްކަތެވެ. މި މަޝްރޫޢުގެ ސަބަބުން، މާލެއާ ގުޅިފައިވާ އައު ސިޓީއެއް އުފެދި، ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ޖާގަ ލިބިގެން ދިޔައެވެ.

ހުޅުމާލެ ތަރައްޤީވަމުން އައި ގޮތާއި، މިއަދު މި ސިޓީ ވެފައިވާ ގޮތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ ރަމްޒެކެވެ. މިއަދު ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެންހުރި، ގިނަ ބަޔަކު ދިރިއުޅޭ ސިޓީއަކަށް ވެފައިވެއެވެ.

“ހުޅުމާލެއަކީ ވަރަށް ރަނގަޅަށް ރޭވިގެން، ޕްލޭން ކުރެވިގެން އުފެދިފައިވާ ރަށެއް. އެހެންވީމާ، މި ރަށަކީ ވަރަށް ސާފު، ވަރަށް ރީތި، ވަރަށް ފެހި ރަށަކަށް ހަދަން އެބަޖެހޭ. މި ރަށަކީ ވަރަށް ސާފު، ވަރަށް ރީތި، ވަރަށް ފެހި ރަށެއްގެ ގޮތުގައި ދަމަހައްޓަންވެސް އެބަޖެހޭ. ހަމައެހެންމެ، ހުރިހާ ގޮތަކުންވެސް ދިވެހިންގެ އެކުވެރިކަމާއި އެއްބާރުލުމާއި، އެއްބަނޑުއެއްބަފާކަމާއި، ހީވާގިކަމާއި، މަސައްކަތްތެރިކަން ރަމްޒުކޮށްދޭ މަރުކަޒަކަށްވެސް ހުޅުމާލެ ވާން އެބަޖެހޭ.” 12 މޭ 2004 ގައި، ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށްޓުން އިފްތިތާޙުކޮށްދެއްވުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު