8 ފެބުރުވަރީ 2025
ޣައްޒާގެ އުތުރުގައި ފެންނަމުންދާ ހިތާމަވެރި މަންޒަރު: ސޫފާސޫފި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ކައިއުޅޭ، ފޮޓޯ: ގެޓީ

ޣައްޒާގެ އުތުރުގައި ފެންނަމުންދާ ހިތާމަވެރި މަންޒަރު؛ ސޫފާސޫފި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ކައިއުޅޭ

ޣައްޒާގެ އުތުރުގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި މަދުވެގެން 4،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ފަލަސްޠީނުގެ ރަސްމީ ވަޞީލަތްތަކުން މަޢުލޫމާތު ދެއެވެ.

ބައިތުލް ލަހިޔާ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ބަހުން ދޭހަވާ ގޮތުގައި، އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްޠީނުންގެ ހަށިތައް މަގުމަތީގައި ފުނިޖެހިފައިވުމުން، ސޫފާސޫފި އެ ހަށިތަކުން ކައިއުޅޭ މަންޒަރު ފެންނަމުންދާކަމަށް ބުނެއެވެ. އިސްރާޢީލުގެ ޢުދުވާނަކީ، އިންސާނީ ޙައްޤުތަކާ ޚިލާފު، އަދި އިންސާނިއްޔަތުކަމާ ދުރު ޢަމަލުތަކެއްކަން ފާހަގަކުރެވެއެވެ.

ޣައްޒާގެ އުތުރުގައި ހިނގަމުންދާ މި ފަދަ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، މި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށާއި ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ތިމާވެށީގެ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޣައްޒާގައި ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 45،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 100،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު