ސޫރިޔާގެ އާ ސަރުކާރުން މިއަދު ހާމަކުރި ގޮތުގައި، ވައްޓާލެވުނު ރައީސް ބަޝާރު އަލް-އަސަދުގެ ވަފާތެރިންގެ ފަރާތުން ދެވުނު ހަމަލާއެއްގައި 14 ފުލުހުން މަރުވެ، 10 ފުލުހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދެވިފައިވަނީ ޓާޓަސް ގަވަރނޯރޭޓްގައެވެ.
ސޫރިޔާގެ އާ އިންޓީރިއަރ މިނިސްޓަރު މުހައްމަދު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނީ އަސަދު ސަރުކާރަށް ވާގިވެރިވި ފަރާތްތަކުންނެވެ.
ސޫރިޔާގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާ ދީފައިވަނީ، އަލަވީ ސަރަހައްދަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންޓަނެޓުގައި ފެތުރުމާ ގުޅިގެން ގިނަ ސިޓީތަކެއްގައި އިހުތިޖާޖުތަކެއް ކުރިއަށްދަނިކޮށެވެ. މި އިހުތިޖާޖުތަކާ ގުޅިގެން ހޯމްސް، ލަޒަގިއްޔާ، ޖަބްލާ އަދި ޓާޓަސްގައި ވަނީ ކަރްފިއު އިއުލާނުކޮށްފައެވެ.
އިންޓީރިއަރ މިނިސްޓްރީން ބުނާ ގޮތުގައި، މި ވީޑިއޯއަކީ ނޮވެމްބަރު މަހު ހަލަބު ސިޓީއަށް ދެވުނު ހަމަލާއާ ގުޅޭ ވީޑިއޯއެކެވެ. އަދި މިހާރު މި ވީޑިއޯ ފަތުރަނީ މަޒްހަބީ ހަމަނުޖެހުން އުފެއްދުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޑިސެމްބަރު 8 ވަނަ ދުވަހު އޭރުގެ އިދިކޮޅު ހަނގުރާމަވެރިން ދިމިޝްޤު ހިފުމާ ގުޅިގެން، ރައީސް އަސަދު ވަނީ ފިއްލަވައިވަޑައިގެން ރަޝިޔާއަށް ދަތުރުކުރައްވާފައެވެ.