ސެކިއުރިޓީ ވަރުގަދަކޮށް، ޑުބްލިކޭޓް ނުކުރެވޭ ފެންވަރަށް ތައްޔާރުކުރެވިފައިވާ ޑޮމެއިން ސެޓްފިކެޓާއެކު ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް އިތުރު ރައްކާތެރކަން ލިބިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އައުު ސެކިއުރިޓީ ފީޗަރތައް ހިމެނޭ ފުރަތަމަ ޑޮމައިން ސެޓްފިކެޓް ލިބުނު ފަރާތަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވަޒީރު އަމީންއެވެ.
އަލަށް ޑޮމެއިންގެ ޚިދުމަތް ފެށުމާއެކު އެންމެ ފުރަތަމަ ޑޮމެއިން ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން މަޢޫލޫމާތުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ވިދާޅުވީ، ޑޮމެއިންގެ މައްސަލަތަށް ބޮޑުވެ ޑޮމެއިންގެ ޚިދުމަތް ހުއްޓާލަން އެވުޒާރާއަށް ކުރީގެ ސަރުކާރުކުގެ ދުވަސްވަރު އޮތީ އަންގާފައިކަަމަށެވެ. ނަމަވެސް އެޚިދުމަތް ހުއްޓުވާފައި އޮތުން އެއީ ރަނގަޅުގޮތަކަށް ނުވާތީ، އެ ޚިދުމަތް ރައްޔިތުންނަށް ދޭން ފެށީކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ ބޮޑަށް އިސްކަން ދެއްވީ ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާ ގޮތަށް އެ ޚިދުމަތް އަލުން ދިނުމަށް ކަމަށެވެ. އެގޮތުން އެ ޚިދުމަތް ވަކި އުސޫލުތަކެއްގެ ތެރެއިން ކުރިއަތް ގެންދިިއުމަށް ޑޮމެއިންއާ ގުޅޭ ޤަވާއިދު އިސްލާހުކުރުމާއި، ހަރުދަނާ އިދާރީ އޫސޫލުތައް ހެދިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން ޑޮމެއިން ރިޕްލޭސްމަންޓަށް ހުޅުވައިލާފައިވާއިރު މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތަކުން ޚިދުމަތަށް އެދި ހުށަހަޅާފައިވެއެވެ.
ވަޒީރު ވިދާޅުވީ ކުރީގައި ހަވާލުކުރެވޭ ޑޮމެއިން ޔެލޯ ސްލިޕާ ޚިލާފަށް މިހާރުގެ ސެޓްފިކެޓާއި ރަޖިސްޓްރީ އަކީ ސެކިއުރިޓީ ވަރުގަދަ އަދި ވަކި ސިސްޓަމެއްގެ ތެރޭގައި ޑުޕްލިކޭޓް ނުކުރެވޭނެ ފެންވަރަށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މުޅިން އައު ޑޮމެއިން ދޫކުރަން އަދި ނުފެށިނަމަވެސް އެކަން ކުރާނީ ކުރިން ހުރި ޑޮމެއިންތައް ރައްކާތެރިކޮށް ޤާނޫނާ އެއްގޮތަށް ދެވޭކަން ކަށަވަރުކުރުމަށް މިހާރުކުރަމުންދާ މަސައްކަތަށްފަހު ކަމަށެވެ. އަދި އާންމުންނަށް ޑޮމެއިން ދޫކުރުމަށް ހުޅުވާލާނީ އޯޕެން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް، ހަރުދަނާ އުސޫލެއްގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.