ސައިފަތް ޕެކްޓް (ޓީ ބޭގް) ގައި ހުންނަ މައިކްރޯޕްލާސްޓިކްސްގެ ސަބަބުން ގިނަ ބާވަތްތަކެއްގެ ނުރައްކާތެރި ބަލިތަކާއި، ދަރިމައިވުމުގެ މައްސަލަތަކާއި، އަދި އެކި ބާވަތުގެ ކެންސަރުތަކަށް މަގުފަހިވެދާނެކަމަށް މާހިރުން އިންޒާރުދީފިއެވެ. މިކަމާ ގުޅޭގޮތުން ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ސައިފަތް ޕެކެޓެއް ހޫނު ފެނަށް ލުމުން އެތައް ބިލިއަން މައިކްރޯޕްލާސްޓިކް ފެނުގެ ތެރެއަށް ގިރިގެން ދެއެވެ.
މައިކްރޯޕްލާސްޓިކްސްއަކީ ދުވަހުން ދުވަހަށް ބޭނުންކުރާ ގިނަ ތަކެތީގައި، އޭގެ ތެރޭގައި ކާބޯތަކެތި ބަހައްޓާ ކަންވާރުތަކާއި ޕްލާސްޓިކް ތަށީގައިވެސް ހުންނަ އެއްޗެކެވެ. މިތަކެތި ކާނާއާއި ބުއިންތަކަށް އަދި އަހަރެމެން ނޭވާލާ ވައިގެ ތެރެއަށްވެސް ފެތުރިގެންދެއެވެ. މިގޮތުން އިންސާނާގެ ހަށިގަނޑުގެ އެތެރެއަށް ވަދެ، ޓެސްޓުތަކުން ދައްކާގޮތުގައި މައިގަނޑު ގޮތެގައި، ކުޅުގައާއި، ގޮހޮރުގައާއި އަދި ލޭގައިވެސް މައިކްރޯޕްލާސްޓިކްސްގެ އަސަރު ހުރެއެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސަން ފްރެންސިސްކޯގެ މާހިރުން ފާހަގަކުރާގޮތުގައި ވައިގައި ހުންނަ ކުދިކުދި ޕްލާސްޓިކް މާއްދާތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި އާންމުވަމުންދާ ގޮހޮރުގެ ކެންސަރަށް މަގުފަހިވެދާނެއެވެ. މި ދިރާސާގައި 3،000 އެހެން ދިރާސާތަކުގެ މަޢުލޫމާތު ބަލައި ދިރާސާކޮށްފައިވެއެވެ. މި ދިރާސާތަކުން ދައްކާގޮތުގައި މައިކްރޯޕްލާސްޓިކްސް ނޭވާލުމުން ފުއްޕާމޭ މެދުވެރިކޮށް ލެއަށް ދަތުރުކޮށް، ގުނަވަންތަކަށް ޖަމާވެއެވެ.
މީގެ އިތުރުން، މައިކްރޯޕްލާސްޓިކްސްގެ ސަބަބުން މަނީގެ ހަރަކާތްތެރިކަން ދަށްވެ، ދަރިމައިވުމުގެ ގާބިލުކަން ދަށްވެދާނެކަމަށް ސައިންސްވެރިން ޖޫން މަހު އިންޒާރު ދީފައިވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އާބާދީ އިތުރުވުމުގެ މިންވަރު ދަށްވަމުންދާކަމަށް ޗައިނާގެ ދިރާސާކުރާ ޓީމުން ބުނެފައިވެއެވެ.
މި ހޯދުންތަކާ ގުޅިގެން، މާހިރުން ގޮވާލަނީ މައިކްރޯޕްލާސްޓިކްސްގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތަކާ ގުޅޭގޮތުން އަވަސް ދިރާސާތަކެއް ކުރުމަށެވެ.
މަސްދަރު: ޑެއިލީ މެއިލް، ޔޫކޭ