އަފްޣާނިސްތާނުގެ ޠާލިބާން ވެރިކަމުގެ އެންމެ މަތީ ވެރިޔާ، އަންހެނުން ބޭނުންކުރާ ސަރަޙައްދުތައް ފެންނަ ގޮތަށް ގޭގައި ކުޑަދޮރު ހަރުކުރުން މަނާކޮށް، މިހާރު ހުރި އެފަދަ ކުޑަދޮރުތައް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އަލަށް އިމާރާތްކުރާ ގެތަކުގައި "ގޯތިތެރެ، ބަދިގެ، އަވައްޓެރިންގެ ފެންވަޅު އަދި އާންމުކޮށް އަންހެނުން ބޭނުންކުރާ އެހެނިހެން ތަންތަން" ފެންނަ ގޮތަށް ކުޑަދޮރު ހަދައިގެން ނުވާނެއެވެ.
މި އަމުރުގައި ބުނެފައިވާ ގޮތުން، ބަދިގޭގައި މަސައްކަތްކުރާ އަންހެނުންނާއި، ގޯތިތެރޭގައި އުޅޭ އަންހެނުންނާއި، ފެންވަޅުން ފެން ނަގާ އަންހެނުން ފެނުމަކީ ހަޑިމުޑުދާރު ޢަމަލުތަކަށް މަގުފަހިވެދާނެ ކަމެކެވެ.
އެ އަމުރުގައި ވާގޮތުން، މުނިސިޕަލް އިދާރާތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުން އިމާރާތްކުރާ ތަންތަން މޮނިޓަރކޮށް، އަވައްޓެރިންގެ ގެތައް ނުފެންނާނެކަން ކަށަވަރުކުރަންވާނެއެވެ.
މިފަދަ ކުޑަދޮރުތައް މިހާރު ހުރި ތަންތަނުގައި، "އަވައްޓެރިންނަށް އުނދަގޫ ނުވާނެ ގޮތަށް" ފާރު ރާނައިގެން ނުވަތަ އެހެންވެސް ގޮތަކުން އެ ކުޑަދޮރުތަކުން ފެންނަ މަންޒަރު ނިވާކުރުމަށް ވެރިންނަށް އިރުޝާދު ދޭންވާނެ ކަމުގައިވެސް އެ އަމުރުގައިވެއެވެ.