ރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަންނަ ބުދަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، މިއީ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާ ފާހަގަކޮށްލެވޭ ފުރުސަތެއްކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ދުވަހުން ފެށިގެން ގާތްގަނޑަކަށް 70 އިންސައްތަ މުދަލުން ޓެރިފް އުވާލެވޭނެއެވެ. އަދި ޗައިނާއަށް އެކްސްޕޯޓުކުރާ އައިޓަމްތަކުގެ ތެރެއިން 95 އިންސައްތަ އައިޓަމްތައް ސުމެއް އިންސައްތައިގައި ދިވެހިރާއްޖެއަށް އެތެރެކުރެވޭނެއެވެ.
އެފްޓީއޭއަށް ޢަމަލުކުރަން ފެށުމުން، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ޗައިނާގެ ގިނަ ބާވަތްތަކުގެ މުދަލުން 90 އިންސައްތައާ ހަމައަށް ޑިއުޓީ މަޢާފުވާނެ ކަމަށް މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދިގު ތާރީޚުގައިވެސް ލިބިފައިނުވާފަދަ ފުރުސަތެއްކަމަށާއި، މިއީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޓްރެޑިޝަނަލް މާކެޓުތައް ގެއްލިދާނެކަމަށް ފާޅުކުރެވޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބާޒާރުތަކުގެ ގޮތުގައި މިހާރުވެސް ހިމެނެނީ އަވައްޓެރި ޤައުމުތަކާއި ޔޫ.އޭ.އީ ފަދަ ޤައުމުތައްކަމަށެވެ. އަދި އިންޑިއާއާއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
The Activation of China-Maldives Free Trade Agreement was formally announced today, with Ministers Mohamed Saeed and Wang Wentao officiating the activation ceremony. This landmark agreement supports President Dr. @MMuizzu ‘s vision for economic diversification by strengthening… pic.twitter.com/8Wku80OJQa
— Ministry of Economic Development and Trade (@MoEDmv) December 30, 2024
ޑިއުޓީ މަޢާފުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ގެއްލިދާނެކަމަށް ފާޅުކުރެވޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓަރ ސަޢީދު ވިދާޅުވީ، އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ޑިއުޓީގެ ގޮތުގައި ފައިސާ ނުލިބުނު ނަމަވެސް، ދައުލަތަށް އެ ފައިސާ ނުގެއްލޭނެއެވެ.
މިނިސްޓަރ ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރީގެ މުސްތަޤްބަލަކީ މިނިވަން ވިޔަފާރިކަން އެންމެންނަށްވެސް އެނގޭ ކަމެކެވެ. އަދި ތުރުކީއާއެކުވެސް ކުރެވޭ މަޝްވަރާތަކާ އެއްގޮތަށް މިފަދަ އެއްބަސްވުމެއް ތަންފީޒުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މި އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އައި ސަރުކާރުން މި އެއްބަސްވުން މުރާޖަޢާކުރަމުންދާ ކަމަށް ބުނެ، އެއްބަސްވުމަށް ޢަމަލުކޮށްފައި ނުވެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުން، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ ބާޒާރަށް ފަސޭހަކަމާއެކު ވަދެވި، އަދި ޗައިނާގެ އުފެއްދުންތައް ރާއްޖެއަށް އަގުހެޔޮކޮށް އެތެރެކުރެވޭނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ ގޮތުން ދެ ޤައުމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވެއެވެ.