ދިރިއުޅުމުގައި ކުރިމަތިވާ އާދައިގެ ކަންކަމަށް ބޮޑެތި ރައްދުތަކެއް ދެވިއްޖެނަމަ، ނުވަތަ ފަސޭހައިން ރުޅިއައިސް ނުވަތަ ރޮވިއްޖެނަމަ، އެހެން އެދިމާވަނީ ނަފްސާނީ ބޭނުންތަކެއް ނުފުދިގެން ކަމަށް ވެދާނެއެވެ. މިއީ ނަފްސާނީ ޑޮކްޓަރެއް ވިދާޅުވެފައިވާ ވާހަކައެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ދިމާވެފައިވާނެ ފަދައިން، މީހުންނާ ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް ހިތްދަތިވެ ލޮލުން ކަރުނަ އައުން، ނުވަތަ ކާއެއްޗެއް އޯޑަރު ކުރުމުގައި ކުޑަ ކަމެއް ދިމާވެގެބން ރުޅިއައިސް ހަޅޭއްލަވައިގަތުން ފަދަ ކަންކަން ދިމާވެއެވެ. މިފަދަ ކަންކަމަކީ އެ ދިމާވި ކަމަކާ ނުބައްދަލު ކަންކަމެވެ. ނަމަވެސް މިފަދަ ކަންކަމަކީ އެމީހެއްގެ ނުކުޅެދުންތެރިކަން ނުވަތަ އެމީހެއްގެ ޝަޚްޞިއްޔަތު ދައްކުވައިދޭ ކަމެއް ނޫނެވެ. މިއީ އަސްލު ޙަޤީޤަތުގައި ނަފްސާނީ ބޭނުންތަކެއް ނުފުދި ހުރިކަން ދައްކުވައިދޭ ކަމެކެވެ.
ޑރ. ޗެސިޓީ އަކީ ތްރައިވް ވެލްބީއިންގ ސެންޓަރުގެ ކްލިނިކަލް ޑައިރެކްޓަރ އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ޝާރިޖާގެ ޕްރޮފެސަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ނަފްސާނީ ބޭނުންތައް ނުފުދުމަކީ ކުޑައިރުއްސުރެ އުފެދޭ ކަމެކެވެ. ކާނާ، ހިޔާވަހިކަން އަދި ފޭރާން ފަދަ އަސާސީ ބޭނުންތަކުގެ އިތުރުން، ލޯބި، ޤަބޫލުކުރުން، އަދި އިޙްސާސްތައް ފާޅުކުރުމުގެ މިނިވަންކަން ފަދަ ޖަޒްބާތީ ބޭނުންތައްވެސް ކުޑައިރުއްސުރެ ބޭނުންވެއެވެ. މިފަދަ ބޭނުންތައް ނުފުދިއްޖެނަމަ، ދިގު މުއްދަތަކަށް ނަފްސާނީ އަދި ޖަޒްބާތީ ގޮތުން އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ނަފްސާނީ ބޭނުންތައް ނުފުދުމުގެ ސަބަބުން އުފެދޭ މައްސަލަތައް ދެނެގަތުމަށް ސްކީމާ ތެރަޕީގެ އޮނިގަނޑު ބޭނުންކުރެވެއެވެ. މިގޮތުން، ކުޑައިރު ތަޖުރިބާކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން އުފެދޭ ދިފާޢީ ވިސްނުންތަކަކީ ފަހުން ދިރިއުޅުމުގައި ގެއްލުންދެނިވި އާދަތަކަށް ބަދަލުވެދާނެ ކަންކަމެވެ. މިފަދަ ކަންކަމުގެ ތެރޭގައި ހިމެނެނީ:
1. ރައްކާތެރި ގުޅުމާއި ގާތްކަން: އަޅާލުމާއި، ޤަދަރުކުރުމާއި، އަގުހުރި ކަމުގެ އިޙްސާސް ލިބުން.
2. އަމިއްލަވަންތަކަން: އަމިއްލަ ޝަޚްޞިއްޔަތު ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ލިބުން.
3. ޙަޤީޤަތާ އެއްގޮތް ހުދޫދުތައް: ޒިންމާދާރުވުމާއި، ކެތްތެރިވުން ދަސްކުރުން.
4. ބޭނުންތަކާއި އިޙްސާސްތައް ފާޅުކުރުމުގެ މިނިވަންކަން: އިޙްސާސްތައް ދެއްކުމަށް ލަދުގަތުމެއް ނެތި، ހުއްޓުވުމެއް ނެތި ފުރުޞަތު ލިބުން.
5. ހިތުހުރިގޮތަށް ކަންތައްކުރުމާއި މަޖާކުރުން: ކުޑަކުދިން ކުޅޭއިރު ފެންނަ ފަދައިން، ވަށައިގެންވާ މާޙައުލުން ފާހަގަވާ ކަންކަމަށް ރައްދު ދިނުމުގެ ފުރުޞަތު ލިބުން.
މިފަދަ ނަފްސާނީ ބޭނުންތައް ނުފުދުމުގެ ސަބަބުން އެކި މީހުންގެ ކިބައިގައި އެކި ބާވަތުގެ މައްސަލަތައް ފާހަގަކުރެވެއެވެ. މިސާލަކަށް، ރައްކާތެރި ގުޅުމާއި ގާތްކަން ނުލިބުމުގެ ސަބަބުން ދޫކޮށްލެވުމުގެ ބިރު އަދި ލަދުވެތިކަން އިޙްސާސްވުން ހިމެނެއެވެ. އަމިއްލަވަންތަކަން ނުލިބުމުގެ ސަބަބުން އެހެން މީހުންގެ މައްޗަށް ބަރޯސާވުމާއި، އަމިއްލަ ޤާބިލުކަމާމެދު ޝައްކުވުން ފަދަ ކަންކަން ދިމާވެއެވެ. ހަމައެހެންމެ، ޙަޤީޤަތާ އެއްގޮތް ހުދޫދުތައް ނޭނގުމުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ޑރ. ޗެސިޓީ ވިދާޅުވާ ގޮތުގައި މިފަދަ ނަފްސާނީ ބޭނުންތައް ނުފުދުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ނަފްސުގެ އާދަތަކާއި ވިސްނުންތައް ދެނެގަތުމެވެ. އަދި އާދައިގެ ކަންކަމަށް ދެވޭ ބޮޑެތި ރައްދުތަކަށް ސަމާލުވެ، އޭގެ ފަހަތުގައިވާ ސަބަބު ހޯދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް އަމިއްލަ ނަފްސު ދެނެގަތުމަކީ ފަރުވާ ހޯދުމުގެ ފުރަތަމަ ފިޔަވަޅެވެ.
ފަސޭހައިން ރުއިމާއި ރުޅިއައުން ފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ނަފްސާނީ ބޭނުންތަކެއް ނުފުދި ހުރިކަން ދައްކުވައިދޭ ނިޝާންތަކެކެވެ. މިފަދަ ކަންކަން ފާހަގަވާނަމަ، އަމިއްލަ ނަފްސަށް ބަލައި، އޭގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް އަމިއްލަ ނަފްސު ދެނެގަނެ، ބޭނުންވާ ފަރުވާ ހޯދައިގެން، އުފާވެރި އަދި ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.