ޗައިނާގެ އެފްޓީއޭއާއެކު މަހުގެ އުފެއްދުންތައް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެ

ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އާ އެކުގައި ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަދުން ފެށިގެން ތަންފީޒު ކުރަން ފެށުމާ ގުޅިގެން މަރުހަބާ ކިޔާ ކަމަށެވެ. މި އެއްބަސްވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ރަމްޒުކޮށްދޭ މުހިންމު މޭލުގާއެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ވުނަކުރުންތަކަށް ފުރުސަތު ހުޅުވި، ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި، މިނިވަން ވިޔަފާރީގެ މައިގަނޑު މަގްސަދުތަކަކީ އެކްސްޕޯޓު އިތުރު ކުރުމާއި ވިޔަފާރީގެ ހުރަސްތައް މަދު ކުރުމާއި ރާއްޖެ އާއި ޗައިނާގެ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް އުފައްދާ ފަހިކޮށް ދިނުން ކަން ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން މި އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ސުން ޓެކުހުގައި އެކްސްޕޯޓު ކުރެވެއެވެ. އަދި މަހުގެ އުފެއްދުންތައް ރީއެކްސްޕޯޓް ކުރުމަށް ވެސް މަގުފަހިވެގެން ދާނެއެވެ." ފިޝަރީޒް މިނިސްޓްރީންް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު 29 ގައި ޗައިނާ އާއި ރާއްޖެ އިން ސޮއިކުރި ގުދުރަތީ ކަނޑުގެ އުފެއްދުންތައް ބަލައި ފާސް ކުރުމާއި ކަރަންޓީނު ކުރުމުގެ ޕްރޮޓޮކޯލްގެ ސަބަބުން ކަނޑުގެ ކާނާގެ އުފެއްދުންތައް ބޭރުކުރަން ފަސޭހަވެ، ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ދުރު ވިސްނުންފުޅަށާއި ރޭވުންތެރިކަމަށް ތައުރީފްކޮށް މަރުހަބާ ކިޔާ ކަމަށް ވެސް ފިޝަރީޒްގެ ބަޔާނުގައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މި އެއްބަސްވުން ތަންފީޒު ކުރެވުމުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާ ކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް އަމަލު ކުރަން ފެށި އިރު، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާ އިން މުދާ ގެންނަ ކަމަށްވާ ނަމަ، ރާއްޖޭގެ ބޭންކަށް ރުފިޔާ އިން ފައިސާ ދައްކައިގެން އެ މުދަލެއް ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ ވިޔަފާރިވެރިން ޑޮލަރު ބޭނުން ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވެގެންދެއެވެ. އެގޮތުން ޑިއުޓީ އުނިވެގެންދާ ބާވަތްތަކުގެ ތެރޭގައި 296 ބާވަތަކީ މަސްވެރިކަމުގެ ބާވަތްތަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު