8 ފެބުރުވަރީ 2025

ރައީސް ޞާލިޙް ޤައުމު ބަނގުރޫޓުވުމަށް މަގުފަހިކުރެއްވި ބައެއް މަގުތައް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދު ރަނގަޅު ހާލަތެއްގައި އޮތެވެ. އެއިރު ޤައުމުގެ ޖުމްލަ އެތެރޭގެ އަދި ބޭރުގެ ދަރަނި ހުރީ ގާތްގަނޑަކަށް 62 ބިލިއަން ރުފިޔާގައެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސޮވެރިން ވެލްތު ފަންޑެއްވެސް ޤާއިމުކުރެއްވިއެވެ. ނަމަވެސް ރައީސް ޞާލިޙުގެ ވެރިކަމުގައި ޤައުމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ފުޅާ ދާއިރާއެއްގައި ހިންގުނު ކޮރަޕްޝަނާއި ބަލިކަށި މެނޭޖްމަންޓެވެ. ނުފޯރާ ފަށުން ޕްރޮޖެކްޓްތައް ހިންގުމަށް މަަސައްކަތްކުރުމެވެ. ނުބައްދަލު ރިކަރަންޓް ޚަރަދުތައް އިތުރުވުމެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގިއެވެ. އިންޑިއާއިން ނެގި ބިލިއަނުން ގުނާލެވޭ ލޯނުތަކުގެ ފައިސާ ބޭނުންކުރެވުނީ ވެރިކަންކުރާ ފަރާތްތަކުގެ ގާތްތިމާގެ މީހުންނަށް ފައިދާވާ ގޮތަށް ހިންގުނު ބޭކާރު މަޝްރޫޢުތަކަށެވެ. މީގެ ހާއްޞަ މިސާލެއްގެ ގޮތުގައި އެކި ރަށްރަށުގައި ފެނަކައިގެ އައު އޮފީސް އިމާރާތްތަކެއް އެޅުން ފާހަގަކުރެވެއެވެ. ފެނަކައިގެ ޚިދުމަތްތައް ދިނުމަށް މިފަދަ އިމާރާތްތަކެއް ބޭނުންނުވިނަމަވެސް، އެތައް މިލިއަން ރުފިޔާއެއް މި ބޭކާރު އިމާރާތްތަކަށް ހޭދަކުރެވި، ދައުލަތުގެ ފައިސާ އިސްރާފުކުރެވުނެވެ. ސަރުކާރު ބަދަލުވިއިރުވެސް ގިނަ ތަންތަން ހުރީ ނުނިމިއެވެ. އިމާރާތް ނޭޅުނަސް އެތަންތަނާ ނުބައްދަލު އަދަދަކަށް މުވައްޒަފުން ލާފައި ތިއްބެވެ. މިސާލަކަށް ރައީސް މައުމޫނުގެ ވެރިކަމުގައި 24 ގަޑިއިރު ކަރަންޓް ދޭ ކުޑަ ރަށެއްގެ އިންޖީނުގޭގައި ތިބީ ގިނަވެގެން ތިން މުވައްޒަފުންނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި 5 ވަރަކަށް މުވައްޒަފުންނެވެ. ނަމަވެސް ރައީސް ޞާލިޙުގެ ވެރިކަން ނިމުނުއިރު އެފަދަ ރަށެއްގައި 30 އަށްވުރެ ގިނަ މުވައްޒަފުން ތިއްބެވެ.

ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވުނު އަނެއް މިސާލަކީ ކުދި ސްކޫލުތަކުގައި ބޭނުމެއްނެތް މަލްޓިޕާޕަސް ހޯލުތައް އެޅުމެވެ. އެތަންތަނުގެ ބޭނުމެއް ނުކުރެވެއެވެ. އެތަންތަން ފަރުމާކޮށްފައި ހުރީ އިންޑޯ ކުޅިވަރެއް ކުޅެވޭނެ މިންގަނޑަށް ފެތޭނެ ގޮތަކަށް ނޫނެވެ. މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ފައިސާ ނަގާލުމަށް ހިންގުނު ކަންކަމެވެ. މީގެ އިތުރުން، އެމްޑީޕީއާ ގުޅުންހުރި ކުންފުނިތަކަށް ސަރުކާރުން 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ބަދަލުގެ ގޮތުގައި ދިނެވެ.

ސަރުކާރުގެ މާލީ ބަލިކަށި ހިންގުމުގެ ނިޒާމެއްގެ ތެރެއިން ދައުލަތުގެ މާލިއްޔާތު ފުނޑުފުނޑުވެގެން ފިޔައެވެ. މިގޮތުން ސަރުކާރު ހިންގީ މަނިޓަރީ ފައިނޭންސިންގއަށް ބުރަވެގެންނެވެ. އެބަހީ ފައިސާ ޗާޕުކޮށްގެންނެވެ. މިކަމުގެ ސަބަބުން އަގުތައް އުފުލި، ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި ސަރުކާރުން  ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތަކާއި އެތައް ހާސް މުވައްޒަފުން ސަރުކާރު ކުންފުނިތަކަށް އައްޔަންކުރުމުން ބަޖެޓު ޑެފިސިޓް އިތުރަށް ބޮޑުވިއެވެ.

ރައީސް ޞާލިހުގެ ދައުރު ނިމުނުއިރު، ޤައުމުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ މަތީ އަދަދެވެ. މިހާ ބޮޑު އަދަދަކަށް ދަރަނި އިތުރުވެފައިވަނީ ވޯލްޑް ބޭންކާއި އައި.އެމް.އެފްއިން ތަކުރާރުކޮށް ޚަރަދުތައް ކުޑަކުރުމަށާއި، ސަބްސިޑީތައް ހަރުދަނާކުރުމަށާއި، މަނިޓަރީ ފައިނޭންސިންގ ހުއްޓާލުމަށް އިރުޝާދު ދެމުން ދިޔަނަމަވެސްއެވެ. މި ލަފާތަކަށް އަޅާނުލައި ދޫކޮށްލުމުގެ ސަބަބުން މިއަދު ޤައުމު މިވަނީ އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި، ހިންގުމުގެ ބަލިކަށިކަމާއި، ފައިނޭންސް މެނޭޖްކުރުމުގެ ވައްޓަފާޅިއެއް ނެތުމުގެ ސަބަބުންނާއި، ޒީރޯ ޓަލަރެންސްގެ ފަގުޑި އަޅައިގެން ހިންގި އިންތިހާ ކޮރަޕްޝަންގެ ސަބަބުން، ދިވެހިރާއްޖެ މިވަނީ ބޮޑު ދަރަންޏެއްގެ ބުރައިގެ ދަށުގައެވެ. ޤައުމުގެ ގުދާރުމަތީގައި އޮތީ ހިންދެމި ނުލެވޭ ވަރަށް ދަރަންޏެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ މުސްތަޤުބަލަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދިއުމެވެ. އާމްދަނީ ލިބޭ މިންވަރާއި ޚަރަދުތަކުގެ ތަފާތު ބޮޑުވެ، ގިނަ އާއިލާތަކަށް ދިރިއުޅުން ބަރުވެގެން ދިޔައެވެ. ވިޔަފާރިތަކަށް ލިބޭ ފައިދާ މަދުވެ، ވަޒީފާގެ ފުރުސަތުތައް މަދުވެގެން ދިޔައެވެ. މިއީ ހަމައެކަނި މިއަދުގެ ޖީލަށް ކުރިމަތިވާ ދަތިތަކެއް ނޫނެވެ. މުސްތަޤުބަލުގެ ޖީލުތަކަށްވެސް މި ދަރަނީގެ ބުރަ އުފުލަން ޖެހޭނެއެވެ.

ރައީސް ޞާލިހުގެ ވެރިކަމުގައި ހިންގުނު މި ފަދަ ނާޤާބިލު އަދި ކޮރަޕްޓް ސިޔާސަތުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދު ބަނގުރޫޓުވުމުގެ ހާލަތަށ ވެއްޓުނެވެ. މިއީ ޤައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅައި، އިޞްލާޙު ކުރަންޖެހިފައިވާ ކަމެކެވެ. ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދު އަލުން ބިނާކުރުމަށް ދިގު މުއްދަތެއްގެ ރޭވުންތެރި މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ. މިކަމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ ގޮތްތައް ހޯދައި، ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދައި، ދަރަނި އަދާކުރުމުގެ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު