ފެއާތަކަށް ޚަރަދުކުރާ މިންވަރު %30 އަށް ކުޑަކޮށް ރާއްޖެ އިޝްތިހާރުކުރާގޮތައް ބޮޑު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީޔާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މީގެކުރިން ބައިނަލްއަޤްވާމީ ފެއާތަކުގައި ބައިވެރިވުމަށް ބޮޑު ޚަރަދެއް ކުރަމުން އައި ކަމަށެވެ. ނަމަވެސް މިއަހަރު އެ ކުންފުނީގެ އަމާޒު ހުރީ ފެއާތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދު ކުޑަކޮށް ރާއްޖެ ޕްރޮމޯޓްކުރަމުން އައި ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، މިއަހަރު "މޯލްޑިވްސް ވީކް" ގެ ނަމުގައި ބޮޑު ރޯޑްޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް މިއަހަރަށް ރާވާފައިވާކަމަށެވެ.
"މީގެކުރިން އަޅުގަނޑުމެންގެ ފޯކަސް މިއޮންނަނީ ފެއަރތަކަށް ވަރަށް ބޮޑަށް ހަރަދުކުރާގޮތަށް. %80 ވަރަކަށް ފެއަރތަކަށް. މިފަހަރު އަޅުގަނޑުމެން %30 ކުޑަކޮށްފައި މޯލްޑިވްސް ވީކް ކިޔާ ރޯޑްޝޯއެއް ރީބްރޭންޑްކޮށްގެން ވަރަށް ބޮޑަށް އިންޓަރެކްޓިވް ގޮތަކަށް އަޅުގަނޑުމެން އިންޓްރޮޑިއުސްކޮށްގެން މިއަންނަ އަހަރު އެކަންތައްތައް ފެނިގެންދާނެ. އޭގެއިތުރަށް ވަރޗުއަލް އެކްޓިވިޓީސްއާއި އިތުރު އިންޓަނޭޝަނަލް ކޮލޭބްރޭޝަންސް އިންޓްރޮޑިއުސްކުރާނަން. އިންޓަނޭޝަނަލް ސްޓާރުންނާއިއެކު ގްލޯބަލް އެމްބެސެޑަރ ޕްރޮގްރާމެއް ތައާރަފްކުރާނަން". ޝިއުރީ ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގައި ކަނޑައަޅާ އަމާޒުތައް ހާސިލްކުރުމަށް އެމްއެމްޕީއާރުސީގެ ދައުރު ބޮޑެވެ. އެމްއެމްޕީއާރުސީއިން ވިދާޅުވީ މި މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.