ލިވަރޕޫލްގެ އިޓަލީ ވިންގަރ ފެޑެރިކޯ ކިއެސާ، ޖެނުއަރީ މަހު ސީރީ އޭއަށް އެނބުރި ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 2024 ވަނަ އަހަރު ޖުވެންޓަސްއިން އެންފީލްޑަށް ބަދަލުވި ކިއެސާއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 123 މިނިޓުގެ ކުޅުމެވެ.
12 މިލިއަން ޔޫރޯއަށް ލިވަރޕޫލާ ގުޅުނު ކިއެސާއަށް އަދިވެސް ފުރިހަމައަށް ފިޓްނަސް ހޯދުމަށް ދަތިވެފައިވާ ކަމަށް ކޯޗު އާރނެ ސްލޮޓް ބުނެފައިވެއެވެ. ކިއެސާ ވަނީ ޕްރިމިއަރ ލީގުގެ އެންމެ މެޗެއްގައި ބައިވެރިވެފައެވެ. އަދި އޭނާގެ ހަމައެކަނި ފުލް މެޗަކީ ކެރަބާއޯ ކަޕްގެ ވެސްޓްހެމްއާ ދެކޮޅަށް ކުޅުނު މެޗެވެ.
ފޫޓް މަރކާޓޯގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ކިއެސާ މިހާރު ވަނީ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ބަދަލުވުމަށް މަސައްކަތް ފަށާފައެވެ. އޭސީ މިލާން، ރޯމާ އަދި ނާޕޯލީ ފަދަ ޓީމުތަކުން ކިއެސާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، އެ ކުޅުންތެރިޔާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ވެސް ދިނުމަށް އިޓަލީ ޓީމުތަކުން ޝައުގުވެރިކަމެއް ނުދައްކައެވެ.
ލިވަރޕޫލްގެ ފޯވަޑް ލައިނުގައި މުހައްމަދު ސަލާހް، ކޯޑީ ގަކްޕޯ، ޑިއޯގޯ ޖޯޓާ، ޑާވިން ނުނޭޒް އަދި ލުއިސް ޑިއާޒް ފަދަ ކުޅުންތެރިން ތިބުމާއެކު، ކިއެސާއަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ލިބުން ދަތިވާނެ ކަމަށް ބެލެވެއެވެ.