ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ ލޮބުވެތި އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމާގުޅިގެން ތަޢުޒިޔާ ދަންނަވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ ޙުސްނާ މޫސާ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކުކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ގ. ހިލިހިލާގެ ޙުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މަރުޙޫމާ ޙުސްނާ މޫސާ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުގައެވެ.