8 ފެބުރުވަރީ 2025

މައްކާ، މަދީނާ އަދި ޖިއްދާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

މައްކާ، މަދީނާ އަދި ޖިއްދާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ މޫސުން ގޯސްވެއްޖެއެވެ.

މައްކާ، މަދީނާ އަދި ޖިއްދާގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހުނީ މަދީނާ ސަރަޙައްދުގެ ބަދުރު ގަވަރނަރޭޓުގެ އައް-ޝަފިއްޔާ އަށެވެ. މި ސަރަޙައްދަށް 49.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ޖިއްދާ ސިޓީގެ އަލް-ބަސާތީން ޑިސްޓްރިކްޓަށެވެ. މި ސަރަޙައްދަށް 38 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރގެ ރިޕޯޓުގައިވާ ގޮތުން، ސައޫދީ ޢަރަބިއްޔާގެ އެހެން ބައެއް ސަރަޙައްދުތަކަށްވެސް މެދުމިނުން ފެށިގެން ބޯކޮށް ވާރޭވެހުނެވެ. މި ގޮތުން މައްކާ، މަދީނާ، ޤަސީމް، ތަބޫކް، ނޯދަން ބޯޑަރސް އަދި އަލް-ޖައުފް ސަރަޙައްދުތަކަށް ވާރޭވެހި، 5 ޖަނަވަރީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 7 ޖަނަވަރީ އަންގާރަ ދުވަހުގެ ހެނދުނު 9:00 އާ ހަމައަށް ވާރޭވެހިފައިވާ ކަމަށް ބެލެވެއެވެ.

ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ބުނެފައިވަނީ ޖިއްދާ ސިޓީގެ އިންޒާރުގެ ލެވެލް ރަތް ކުލައިން އޮރެންޖު ކުލައަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި މެދުމިނުގެ ވާރެއާއެކު ބާރަށް ވައި ޖެހުމާއި، ކަނޑުގަދަވުމާއި، ގުގުރުމާއި، ފެންބޮޑުވުން ހިމެނޭ ގޮތަށް މޫސުން ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް އެންސީއެމް އިން ވަނީ އިންޒާރު ދީފައެވެ.

ޖިއްދާގައި ހުރި ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ މިކަމަށް ސަމާލުވުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. އެ ގޮތުން ވާރޭވެހުމުގެ ސަބަބުން ފްލައިޓްތަކަށް އަންނަ ބަދަލުތައް ބެލުމަށް އެއަރޕޯޓަށް ދިއުމުގެ ކުރިން އެއަރލައިންތަކާ ގުޅުމަށް އެދިފައިވެއެވެ.

އެންސީއެމްގެ ތަރުޖަމާން ޙުސައިން އަލް-ޤަޙްޠާނީ ވިދާޅުވެފައިވަނީ ޖިއްދާ ގަވަރނަރޭޓަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެކި ސަރަޙައްދުތަކަށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭނާ އާންމުންނަށް އިލްތިމާސްކުރައްވާފައިވަނީ ފަރުވާތެރިވުމަށާއި، އިރުޝާދުތަކަށް ތަބާވުމަށާއި، ވާރޭވެހޭއިރު ރައްކާތެރި ތަންތަނުގައި ތިބުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު