ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރި ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ފައިނަލްގައި ސިފައިންގެ ކުލަބުން އެޗްޑީސީ ބަލިކޮށްލާފައި މިވަނީ ތިން ސެޓު އެއް ސެޓުންނެވެ.
ފާއިތުވި އަހަރު ގައުމީ ވޮލީބޯޅަ ލީގާއި މުބާރާތް ކާމިޔާބުކުރި ސިފައިންގެ ކުލަބަށް މި އަހަރުގެ ލީގު ގެއްލުނު ނަމަވެސް، ގައުމީ މުބާރާތުގެ ތަށި ދިފާއުކުރުމަށް އެ ޓީމަށް ވަނީ ކާމިޔާބުވެފައެވެ. ލީގުގައި އެޗްޑީސީން ސިފައިންގެ ކުލަބު ބަލިކުރިއެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން 25-17 އިން ކާމިޔާބުކުރި ނަމަވެސް، ދެން އައި ތިން ސެޓު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 25-21، 25-16 އަދި 25-23 އިންނެވެ.
ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒް އަލީ ވިދާޅުވީ ގައުމީ މުބާރާތަކީ ކާމިޔާބުކުރަން އުނދަގޫ މުބާރާތެއް ކަމަށާއި، 2024 ވަނަ އަހަރުގެ ސީޒަނުގެ އެންމެ ފަހު މުބާރާތް ކާމިޔާބުކުރެވުނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ކެޕްޓަން އާދަމް ނަސީމް (އެޑަމް) ފާހަގަކުރެއްވީ ގައުމީ ތަށި ކާމިޔާބުކުރެވުނީ ގޮތްދޫނުކޮށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
މި ސީޒަނުގައި ސިފައިންގެ ކުލަބަށް ކާމިޔާބުކުރެވުނު ހަމައެކަނި މުބާރާތަކީ ގައުމީ މުބާރާތެވެ. އެޗްޑީސީން ވަނީ ގައުމީ ވޮލީ ލީގާއި ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.