މެންޗެސްޓަރ ޔުނައިޓެޑްގެ ޑަޗް ސްޓްރައިކަރު ޖެޝުއާ ޒޭކްޒީ، އިޓަލީގެ ވަރުގަދަ ކުލަބު ޔުވެންޓަސްއިން އޭނާއަށް ދެއްކި ޝައުޤުވެރިކަމާ ދެކޮޅަށް، މެންޗެސްޓަރ ޔުނައިޓެޑްގައި ދެމިހުރުމަށް ނިންމައިފިއެވެ.
އައިނޮކްސްގެ އޯނަރޝިޕްގެ ދަށުން ޔުނައިޓެޑްއަށް 36.5 މިލިއަން ޕައުންޑަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ ޒޭކްޒީ، މިހާތަނަށް ކުޅުނު 28 މެޗުގައި ޖުމުލަ 4 ލަނޑާއި 2 އެސިސްޓް ހަދައިދީފައިވެއެވެ. ނަމަވެސް، އުއްމީދުކުރެވުނު މިންވަރަށް ވުރެ ދަށް ފެންވަރެއް ދައްކާފައިވެއެވެ. މިއާއެކު ޔުވެންޓަސްއިން އޭނާ ގެންދިއުމަށް މަސައްކަތްކުރަމުންދާކަމުގެ ޚަބަރުތަކެއް ފެތުރެމުން ދިޔައެވެ.
ނަމަވެސް، ސްކައި ޖަރުމަނީގެ ނޫސްވެރިޔާ ފްލޯރިއަން ޕްލެޓެންބަރގް ހާމަކުރި ގޮތުގައި، ޒޭކްޒީ ވަނީ ޔުނައިޓެޑްގައި ދެމިހުރުމަށް ނިންމައި، އެކަން ކުލަބުގެ އިސްވެރިންނަށް އަންގާފައެވެ. މިގޮތުން، އޭނާ ވަނީ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ކުލަބު ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޒޭކްޒީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އޭގެ ތެރޭގައި އިނގިރޭސި ފުޓުބޯޅައަށް އަހުލުވެރިވުމާއި، ޓީމުގެ ފުރަތަމަ 11ގައި ހިމެނޭތޯ ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ. އަދި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ހުނަރު ދެއްކުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި ބެލެވެއެވެ.