ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއިން 6 ގަޑިއިރު ތެރޭގައި 13000 ޓަނަށްވުރެ ގިނަ ފެން ހިންދައިފިއެވެ.
ރޭ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފެށީ ރޭ ދަންވަރު 3:00 ހާއިރުއެވެ.
އެ މަސައްކަތުގައި މިހާތަނަށް ޖުމްލަ 13،882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ މަސައްކަތް ކުރުމަށް އެމްއެންޑީއެފުން ވަނީ މާލޭގެ 8 ސަރަހައްދެއްގައި 23 ޕަމްޕު ބަހައްޓާފައެވެ. މީގެތެރޭގައި މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ކަމަށްވާ ވެސްޓް ޕާކު ސަރަހައްދާއި، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ބޮޑުވަޅު ސަރަހައްދާއި ކިންގް ސަލްމާން މިސްކިތް ސަރަހައްދުގެ އިތުތުން ދަރުބާރުގެ އާއި ސޯޝަލް ސެންޓަރ ސަރަހައްދު ހިމެނެއެވެ.
އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާލެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ އެކަނި 130.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މާލޭގެ އިތުރުން ހުޅުލެއަށްވެސް 79.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.



