ލޮސް އެންޖެލެސްގައި ދުވަސްތަކެއް ވަންދެން ދެމިގެންދިޔަ މަރުގެ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަލިފާން ނިއްވުމުގެ އޮޕަރޭޝަންގައި މަސައްކަތްކުރާ ފަރާތްތަކުން މިއަދު ހާމަކޮށްފިއެވެ. ނަމަވެސް، 100،000 އަށްވުރެ ގިނަ ރައްޔިތުން އަދިވެސް ތިބީ ސަލާމަތީ އިންޒާރުގެ ދަށުގައެވެ.
މި ހާދިސާގައި މިހާތަނަށް މަދުވެގެން 11 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް އިސްވެރިން ބުނެފައިވާއިރު، އަދިވެސް ޙަޤީޤީ އަދަދު ދެނެގަތުމަށް ރައްކާތެރިކަން ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
ވައިބާރުވެ އަދި ހޫނު މޫސުމެއް ކުރިމަތިވުމުގެ ކުރިން ކުރިއެރުން ހޯދުމަށް ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޕެލިސޭޑްސް އަލިފާނުގެ ހާދިސާ މަދުވެގެން 11 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާއިރު، މިހާރު އެ އަލިފާންގަނޑު ދަނީ އެތެރެ ސަރަޙައްދުތަކަށް، އެންސީނޯ، ވެސްޓް އެލްއޭ އަދި ބްރެންޓްވުޑްގެ ސަރަޙައްދުތަކަށް، ގެޓީ ސެންޓަރާއި ޔޫސީއެލްއޭ އާ ކައިރި ސަރަޙައްދުތަކަށް ފެތުރެމުންނެވެ.
އަލްޓަޑީނާގެ އީޓަން އަލިފާނުގެ ހާދިސާ 15 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ފަޔަރ ފައިޓަރުންނަށް ފަހިކަމެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
މި ހަފުތާގެ ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތް ދިޔައިރު، އެންމެ ހަލަބޮލި ވަގުތުތަކުގައި ބައެއް ފެން ހޮޅިތަކުގެ ޕްރެޝަރ ދަށްވެފައިވާ ސަބަބު ބެލުމަށް މިނިވަން ތަޙުޤީޤެއް ކުރުމަށް ކެލިފޯނިއާގެ ގަވަރނަރު ގޮވާލައްވައިފިއެވެ. މި ހާދިސާއަށް ދެވުނު ރެސްޕޮންސްއާ ގުޅޭ ގޮތުން ސީއެންއެންއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ގިނަ ކަންކަމެއް އެކުވެގެން ކައުންޓީގެ ވަސީލަތްތައް ވަނީ އޭގެ ޤާބިލުކަމުގެ މިންވަރަށްވުރެ މާ ބޮޑަށް ބޭނުންކުރެވިފައެވެ.
އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްދާއިރު، ރައްޔިތުންނަށް އިތުރު އިންޒާރުތައް ދެވި، ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އިމަރޖެންސީ ސަރވިސަސްއިން ބުނެފައިވެއެވެ