ދެކުނު ކެލިފޯނިއާގައި އަލުން ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ލޮސް އެންޖެލެސް އާއި އެ ސަރަޙައްދުގައި ރޯވެފައިވާ ބިރުވެރި އަލިފާނުގެ ހާދިސާތައް އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ރަސްމީ ފަރާތްތަކުން ދީފިއެވެ.
މިހާރު ރޯވަމުންދާ ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ކުރިއެރުން ލިބެމުންދާ ކަމަށް އިދާރާތަކުން ބުނެފައިވީ ނަމަވެސް، ލޮސް އެންޖެލެސް ކައުންޓީގެ ފަޔަރ ޗީފް އެންތޯނީ މަރޯން ވަނީ ރައްޔިތުންނަށް އިންޒާރު ދީ، އެއްވެސް ވަގުތެއްގައި ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައިފިނަމަ އެކަމަށް ތައްޔާރަށް ތިބުމަށް އިރުޝާދު ދީފައެވެ.
މި ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 24 މީހުން މަރުވެފައިވާ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. އަދި ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވަނީ މިއީ އެމެރިކާގެ ތާރީޚުގައި އެންމެ ގެއްލުން ބޮޑު ޤުދުރަތީ ކާރިސާ ކަމުގައި ވެދާނެ ކަމަށް ބުނެފައެވެ.
މި ހާދިސާތަކާ ގުޅިގެން ކެލިފޯނިއާގެ އިދާރާތަކުން ޢަމަލުކުރަމުންދާ ގޮތާމެދު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ. އަދި ގަވަރނަރު ނިއުސަމް ވަނީ އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސަށް، މި ހާދިސާގެ ގެއްލުންތައް އަމިއްލަ ލޮލުން ބެއްލެވުމަށް ދަޢުވަތު ދީފައެވެ.