8 ފެބުރުވަރީ 2025

ޓްރާންސްފޯމަރަކުން ވައްކަންކޮށް ސްޓެލްކޯގެ މުވައްޒަފަކަށް ޙަމަލާދިން މީހާގެ ވަނަވަރު ހާމަަކޮށްފި

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން މަސައްކަތްކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކުރި މުވައްޒަފަކަށް ހަމާލާދިން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

މިމައްސަލައިގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. ހުޅުމާލެ ފޭސް 2 ރީތިގަސްމަގުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ފުލުހުންނާއި ހަވާލުކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ 21:43 ހާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުމާއި މާރާމާރީ ހިންގި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. ބިލައްފެހި، ޗަނބޭލީގޭ އުމުރުން 37 އަހަރުގެ އިބްރާހީމް ޒަލީފެވެ. ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ 21:00 ހާއިރު ހިނގި މި ހާދިސާގައި، ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރި މީހާ ހުއްޓުވުމަށް، ސްޓެލްކޯ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރެއިން މުވައްޒަފަކަށް ޒަލީފް ވަނީ ހަމަލާދީ މާރާމީ ހިންގާފައެވެ. ސްޓެލްކޯއިން ވިދާޅުވީ، އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށާއި ލިބުނު ކުދި އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށެވެ.

މިހާދިސާއާއި ގުޅިގެން ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ އެކުންފުނީގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ފަހުމީ ވަނީ މުވައްޒަފަށް ދިން ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، އެފަދަ ޢަމަލެއްގެ ސަބަބުން ދާއީމީ ނުކުޅެދުންތެރިކަމަކަށް ނުވަތަ ފުރާނައަށްވެސް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާ ކަމަށާއި، އެކުންފުނީގެ މުވައްޒަފުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި ޓްރާންސްފޯމަރަށް ގެއްލުން ލިބުމުގެ ސަބަބުން އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ޚިދުމަތް މެދުކެނޑިފައިވެއެވެ. އަދި އެކަން ހައްލުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކަށް މީގެކުރިންވެސް ވަނީ ގެއްލުން ދީފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު، ސްޓެލްކޯގެ ޓްރާންސްފޯމަރަކާއި ދިމާލަށް ބަހައްޓާފައި ހުރި ސީސީޓީވީ އަށް ގެއްލުންދޭން މަސައްކަތްކޮށް ކެމެރާ ގުޅާފައި ހުރި ފައިބަރ އޮޕްޓިކް ކޭބަލް ކަނޑަން މަސައްކަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނީގެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަ ސަރަހައްދުތަކަކީ އާންމުކޮށް ސަލަމާތާއި ރައްކާތެރިކަން ވަރުގަދަކޮށް ހުންނަ ތަންތަން ކަމަށެވެ. އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަހުމީ ވަނީ މިފަދަ ކަންކަން ބަލައިނުގަނެވޭކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު