ދެކުނު ކޮރެއާގެ ރައީސް ކަމުން ދުރުކުރެވުނު ރައީސް ޔޫން ސުކް-ޔޯލް ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ. މިއީ އެ ޤައުމުގައި މަޤާމުގައި ހުރި ރައީސަކު ފުރަތަމަ ފަހަރަށް ހައްޔަރުކުރެވުނު ފަހަރެވެ.
ޔޫން އިން ތަޙުޤީޤު، ޣައިރު ޤާނޫނީ ކަމަށް ވިދާޅުވި ނަމަވެސް، "ލޭއޮހޮރުވުން" ހުއްޓުވުމަށްޓަކައި އެންމެ ފަހުން އޭނާ ހައްޔަރުކުރުމަށް އެއްބަސްވެވަޑައިގަތެވެ.
ދެކުނު ކޮރެއާގެ ޤާނޫނު އަސާސީ ކޯޓުން އަންގާރަ ދުވަހު، ވަކިކުރެވިފައިވާ ރައީސްގެ އަޒުލުކުރުމާ ގުޅޭ ޝަރީޢަތުގެ ފުރަތަމަ ޖަލްސާ މިނެޓުތަކެއްގެ ތެރޭގައި ނިންމާލިއެވެ. އެގޮތަށް ނިންމީ، ރައީސް ޔޫން ކޯޓަށް ޙާޟިރުނުވުމާ ގުޅިގެންނެވެ.
ރައީސް ޔޫންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ، މި މައްސަލައިގައި ރައީސް ޔޫން، ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށް އޮތޯރިޓީތަކުން މަސައްކަތްކުރުމުގެ ސަބަބުން، ޝަރީޢަތުގައި އޭނާގެ މައްސަލަ ހުށަހެޅުމަށް ހުރަސްއެޅުނު ކަމަށްވެސް ބުނެފައިވެއެވެ.
ޑިސެމްބަރު 3 ވަނަ ދުވަހު ކުރު މުއްދަތަކަށް މާޝަލް ލޯ އިޢުލާންކުރުމާ ގުޅިގެން، ޕާލިމަންޓުން އޭނާ މަޤާމުން ވަކިކުރުމަށް ފާސްކުރި ވޯޓަށްފަހު، ރައީސް ޔޫން ސުކް-ޔޯލް ވަނީ ފުލް ސެކިއުރިޓީއާއެކު އޭނާގެ ގަނޑުވަރުގައި މަޑުކުރައްވާފައެވެ. މީގެ ކުރިން އޭނާ ހައްޔަރުކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް، ބުދަ ދުވަހު 3،000 އަށްވުރެ ގިނަ ފުލުހުން އޭނާ ހައްޔަރުކުރުމަށް އައި ވަގުތު، އޭނާއާ ސުވާލުކުރުމަށް އެއްބަސްވެވަޑައިގަތެވެ. މިކަން މިގޮތަށް ކުރެއްވީ އަނިޔާވެރިކަން ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޮރ ހައި-ރޭންކިންގ އޮފިޝަލްސް (ސީ.އައި.އޯ) ގެ ތަޙުޤީޤަށް އަޅުގަނޑު ޖަވާބުދާރީވާން ނިންމީ، އެއީ ޣައިރު ޤާނޫނީ ތަޙުޤީޤެއް ކަމުގައި ވީނަމަވެސް. ނޭދެވޭ ލޭއޮހޮރުވުމެއް ހުއްޓުވުމަށްޓަކައި،" ރައީސް ޔޫން ވިދާޅުވިއެވެ.
ޤާނޫނުގައިވާގޮތުން އޮތޯރިޓީތަކަށް 48 ގަޑިއިރުގެ ތެރޭގައި އޭނާއާ ސުވާލުކުރުމަށްފަހު، 20 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ކޯޓު އަމުރެއް ހޯދަންވާނެއެވެ. ނުވަތަ އޭނާ ދޫކޮށްލަންވާނެއެވެ.
މި ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ވަނީ ރައީސް ޔޫންގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހި، އޭނާ އަޒުލުކުރުމަށް ތާއީދުކޮށްފައެވެ. ނަމަވެސް، އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ޕީޕަލްސް ޕަވަރ ޕާޓީ (ޕީ.ޕީ.ޕީ) އަށް ތާއީދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.