ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތު ކުޅެފައިވާ "އިމަރޖެންސީ" ފިލްމު ބަންގްލަދޭޝްގައި ދެއްކުން މަނާކޮށްފިއެވެ.
މި ފިލްމަކީ 1970 ގެ އަހަރުތަކުގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން ހަދާފައިވާ ފިލްމެކެވެ.
މި ފިލްމު ބަންގްލަދޭޝްގައި މަނާކުރުމަށް ނިންމާފައިވަނީ މައިގަނޑު ދެ ސަބަބަކާ ހެދިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ:
1. އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު މިހާރު އޮތް ސިޔާސީ ގުޅުން ގޯސްވެފައި އޮތުން.
2. ފިލްމުގައި ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއް ރަޙްމާން މަރާލި މަންޒަރު ހިމަނާފައި އޮތުން.
މި ފިލްމުގައި 1971 ގެ އިންޑޯ-ޕާކިސްތާން ހަނގުރާމައާއި ބަންގްލަދޭޝް މިނިވަންވުމުގެ ވާހަކަތައް ހިމެނިފައިވީ ނަމަވެސް، ބަންގްލަދޭޝްގައި މި ފިލްމު ދެއްކުމަށް ހުއްދަ ދީފައެއް ނުވެއެވެ.
"އިމަރޖެންސީ" ފިލްމު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި ފިލްމުގައި ކަންގަނާ ރަނާއުތްގެ އިތުރުން އަނުޕަމް ކޭރް، ޝްރެޔަސް ތަލްޕަޑޭ އަދި މިލިންދް ސޯމަން ފަދަ މަޝްހޫރު ތަރިން ބައިވެރިވެފައިވެއެވެ.