އިންތިޚާބުވެފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޕްޓްރަމްޕް ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އަލުން ރައީސްކަމުގެ މަޤާމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަން ޑީސީގައި ދަނީ ވަރަށް ފުރިހަަމައަށް ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި 48 ކިލޯމީޓަރުގެ ދިގުމިނުގައި ވަގުތީ ފެންސެއް ޖަހައި، 25،000 އަށްވުރެ ގިނަ ސަލާމަތީ އޮފިސަރުން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސެކިއުރިޓީ ޗެކްޕޮއިންޓްތައް ޤާއިމްކޮށް، ރަސްމިއްޔާތު ބަލަން އަންނަ އެތައް ހާސް މީހުން ބެލެހެއްޓުމަށްވެސް ވަނީ ރޭވިފައެވެ.
ޓްރަމްޕްގެ ކެމްޕޭން ދުވަސްވަރު އޭނާއަށް ދެ ފަހަރެއްގެ މަތިން މަރާލަން މަސައްކަތްކޮށްފައިވާކަމާއި، އޭގެ ތެރެއިން އެއް ފަހަރު ޓްރަމްޕްގެ ކަންފަތަށް ވަޒަން އަރާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އާ އަހަރު ފެށުނު ދުވަހު އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދެ ހަމަލާ ދީފައިވާކަންވެސް ފާހަގަކުރެވެއެވެ.
ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި ރަސްމިއްޔާތަށް އެއްވެސް ފަރާތަކުން ރޭވިގެން ދޭން އުޅޭ ހަމަލާއެއްގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް އެކަހެރި ގޮތުން ހަމަލާދޭން އުޅެދާނެ ފަރާތްތަކާ މެދު ކަންބޮޑުވުން އޮތްކަމަށް ބުނެފައިވެއެވެ. އެގޮތުން ނިއު އޯލިއަންސްގައި ދިން ހަމަލާ ފަދަ ހަމަލާއެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތްކަމަށް އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީން ވަނީ ޤައުމުގެ އެކި ކަންކޮޅުތަކުގެ ފުލުހުންނަށް އަންގާފައެވެ.
ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 7،800 ނޭޝަނަލް ގާޑް މެންބަރުންނާއި، އެހެނިހެން ޕޮލިސް ޑިޕާޓްމަންޓްތަކުގެ 4،000 އޮފިސަރުން ބޭނުންކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ.