އ.ދ. ގެ އޮފީސް ފޮރ ދަ ހައިކޮމިޝަނަރ އޮން ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރ) އާއި ބަންޑާރަނައިބުގެ އޮފީހުން ގުޅިގެން އިންތިޒާމްކޮށްގެން 14 ޖަނަވަރީ 2025 އިން 15 ޖަނަވަރީ 2025 ގެ ނިޔަލަށް ކުރިއަށްގެންދިޔަ، ނޭޝަނަލް ރިކޮމެންޑޭޝަންސް ޓްރެކިންގ ޑޭޓާބޭސް (އެން.އާރ.ޓީ.ޑީ) ތަޢާރަފުކޮށް މަސައްކަތް ފަށައިގަތުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ފޯކަލް ޕޮއިންޓުންނަށް ބޭއްވުނު ވަރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެން.އާރ.ޓީ.ޑީ އަކީ، ޤައުމުތަކުން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާތަކުގެ ދަށުން، އ.ދ. ގެ ކަމާބެހޭ ކޮމިޓީތަކުން ޤައުމުތަކަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ޓްރެކްކުރުމާއި، އެ ރިކޮމެންޑޭޝަންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އ.ދ. އިން ތަޢާރަފުކޮށްފައިވާ ޑޭޓާބޭސްއެކެވެ.
އެގޮތުން، މި ޑޭޓާބޭސް ދިވެހިރާއްޖޭގައި ރޯލް-އައުޓްކުރެވުމާއެކު، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި، ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. އެން.އާރ.ޓީ.ޑީ އަކީ، ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް (އެން.އެމް.އައި.އާރު.އެފް.) ގެ މައިގަނޑު އެއްބައިކަމުގައި ވެގެންދާނެއެވެ.
އެން.އެމް.އައި.އާރު.އެފް ގެ ތެރެއިން ރިޕޯޓިންގގެ މަސައްކަތްތައް ކުރާ ދައުލަތުގެ 23 އިދާރާއަކުން 40 ބައިވެރިންނާއެކު ބޭއްވި މި ވާރކްޝޮޕްގެ މަޤްޞަދަކީ، ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދިވެހިރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކާއި، އ.ދ.ގެ ކޮމިޓީތަކުން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތައް ތަންފީޛުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޑޭޓާބޭސްގައި ހިމަނާނެގޮތާގުޅޭ މަޢުލޫމާތު ޙިއްސާކޮށް، މި ޑޭޓާބޭސް ބޭނުންކުރާނެ ގޮތް އޮޅުފިލުވާދިނުމެވެ. މީގެ އިތުރުން، މި ވަރކްޝޮޕްގައި، އެން.އާރ.ޓީ.ޑީގެ އިންޓަރެކްޓިވް ޑިމޮންސްޓްރޭޝަންއަކާއި، އ.ދ.ގެ ކޮމިޓީތަކުން ހުށަހަޅާ ރިކޮމެންޑޭޝަންތައް މާނަކުރުމާގުޅޭގޮތުންނާއި، އެން.އާރ.ޓީ.ޑީގެ އެސް.އޯ.ޕީއާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެވިފައިވެއެވެ.
ނޭޝަނަލް ރެކޮމެންޑޭޝަން ޓްރެކިންގ ޑޭޓާބޭސް ތަޢާރަފްކުރުމަކީ ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާ ރިޕޯޓްތަކަށް އ.ދ. ގެ ކޮމިޓީތަކުން ހުށަހަޅާ ރިކޮމެންޑޭޝަންތައް ތަންފީޛުކުރުމަށާއި، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ދައުލަތުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.