ލިވަޕޫލްގެ ތަރި ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ސްޕެއިންގެ ބޮޑު ކުލަބު ރެއާލް މެޑްރިޑާއެކު އަނގަބަހުން އެއްބަސްވުމަކާ ހަމައަށް ގޮސްފިކަމަށް ސްޕެއިންގެ މީޑިއާ މާކާއިން ރިޕޯޓުކޮށްފިއެވެ. ނަމަވެސް މި ޖެނުއަރީގައި އޭނާ ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށް ބެލެވެއެވެ.
26 އަހަރުގެ އިނގިރޭސި ޑިފެންޑަރަކީ ކިލިއަން އެމްބާޕޭގެ ފަހުން ރިއަލް މެޑްރިޑްގެ އެންމެ ބޮޑު އަމާޒަކަށްވާ ކުޅުންތެރިޔާއެވެ. ނަމަވެސް މީގެ ކުރިން ލިވަޕޫލުން އޭނާ ވިއްކުމަށް ދެކޮޅު ހަދާފައިވެއެވެ. މިފަހަރުވެސް ލިވަޕޫލުން ބޭނުމެއް ނުވެއެވެ.
ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން، ސީޒަނުގެ މެދުތެރެއިން އެލެކްސެންޑަރ-އާނޯލްޑް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެއީ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގައި ވާދަކުރުމަށް އޭނާއަކީ މުހިންމު ކުޅުންތެރިއަކަށް ވާތީއެވެ. މިހާރުވެސް ރިއަލް މެޑްރިޑުން ހުށަހެޅި އަގެއް ލިވަޕޫލުން ދަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ.
އެލެކްސެންޑަރ-އާނޯލްޑް އަމިއްލައަށްވެސް ބޭނުންވަނީ މި ސީޒަން ލިވަޕޫލްގައި ނިންމާލުމަށްފަހު އަލްވަދާއު ކިޔާށެވެ. އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ކާލޯ އެންސެލޮޓީގެ ދަށުން ކުރިއަށްދާ ރިއަލް މެޑްރިޑުން މިހާރު އެލެކްސެންޑަރ-އާނޯލްޑްއާއެކު އަނގަބަހުން އެއްބަސްވުމަކާ ހަމައަށް ގޮސްފައިވީ ނަމަވެސް، އެއީ މި ޖެނުއަރީގައި ބަދަލުވާނެ ކަމެއްކަން އަދި ސާފެއް ނުވެއެވެ.