ލިވަޕޫލްގެ ސްޓްރައިކަރު މުހައްމަދު ސަލާހް ސަޢޫދީ ޕްރޯ ލީގަށް ބަދަލުވުމުގެ އަޑުތައް އަލުން ފެތުރެން ފަށައިފިއެވެ. މި އަޑުތައް އިތުރަށް ފެތުރިގެން ދިޔައީ ސަޢޫދީ ކުޅިވަރު ދާއިރާގެ އިސްވެރިޔާ ތުރުކީ އަލް-އަލްޝެއިޚް، ސަލާހް އަލް-ހިލާލްގެ ޖާޒީ ލައިގެން ހުރި ފޮޓޯއެއް އޭނާގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރުމާ ގުޅިގެންނެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އަލް-އިއްތިހާދުން ސަލާހަށް 150 މިލިއަން ޕައުންޑްގެ އަގެއް ހުށަހެޅި ނަމަވެސް، ލިވަޕޫލުން އެ އޮފަރ ދޫކޮށްލިއެވެ. އެހެން ނަމަވެސް، މިހާރު "ދަ ސަން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަޢޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ދަށުން ހިންގާ އަލް-ހިލާލުން ސަލާހަށް ދެ އަހަރުގެ މުއްދަތަށް 65 މިލިއަން ޕައުންޑްގެ އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވަމުންދެއެވެ.
މިދިޔަ އަހަރު ސަލާހް ސަޢޫދީ ލީގަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ތުރުކީ އަލް-އަލްޝެއިޚް ބުނެފައިވެއެވެ. "އެމްއެމްއޭ އަވަރ" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން އޭނާ ބުނީ އެންމެ ފަހު ވަގުތު ލިވަޕޫލުން ނިންމުން ބަދަލުކުރުމުން އެ މައްސަލަ ނުނިމި ދިޔަ ކަމަށެވެ.
ފްރާންސްގެ "ލެކިޕް" ނޫހުން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ނޭމާ، ރޫބެން ނެވެސް އަދި އަލެކްސެންޑަރ މިޓްރޮވިޗް ފަދަ ތަރިން ކުޅޭ އަލް-ހިލާލުން 32 އަހަރުގެ ސަލާހް ސޮއިކުރުމަށް މަސައްކަތްތައް ހަލުވިކޮށްފައިވެއެވެ. ސަލާހްގެ މިހާރުގެ އެއްބަސްވުން ލިވަޕޫލާއެކު މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ ހޯދުމަށް ޕީއެސްޖީން ވެސް މަސައްކަތްކުރާ ކަމަށް ވެއެވެ.
ސަޢޫދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް-ހިލާލްގެ މި މަސައްކަތް ފެށިފައިވަނީ ނޭމާ މި ސީޒަންގެ ނިޔަލަށް ކްލަބުން ވަކިވެދާނެ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.