އަހަރެމެންގެ ކެއުމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ފިޔާއަކީ، ކޮންމެހެން ބޭނުންވާ ތަރުކާރީއެކެވެ. ޚާއްޞަކޮށް ރަމަޟާން މަހާ ދިމާވާއިރަށް، ބޭރު ޤައުމުތަކުން ގިނަ އަދަދެއްގެ ފިޔާ އެތެރެކުރަން މަޖުބޫރުވެއެވެ.
ކުރީޒަމާނުގައި، ދަނޑުވެރިކަމުގެ ޓެކްނިކަލް މަޢުލޫމާތު މަދުކަމުގައި ވީނަމަވެސް، ރާއްޖޭގައި ފިޔާ ހައްދާ އުޅުނުކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިހާރު ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތައް ލިބެންހުރިއިރު، ރާއްޖޭގައި ފިޔާ ހެއްދުމަކީ ކުރެވިދާނެ ކަމެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ފިޔާ ހައްދާނެ ގޮތުގެ މައްޗަށެވެ.
ފިޔާ އިންދުމުގެ ކުރިން، ބަލިތަކުން ސަލާމަތްކުރުމަށް ފަންގިސައިޑް އެއްކޮށްފައިވާ ފެނުގައި 5 މިނެޓު ވަންދެން ބަހައްޓަންވާނެއެވެ. އިންދުމުގެ ކުރިން ފިޔާގެ މަތީބައިން ކުޑަތަންކޮޅެއް ކަނޑާލުމުން ފަޅަން ފަސޭހަވާނެއެވެ. ބެޑުގައި އިންދާއިރު ދެ ބަރިއަށް 6 އިންޗި އަދި ދެ ފިޔާއަށް 3 އިންޗީގެ ދުރުމިން ބާއްވަންވާނެއެވެ. ފިޔާ އިންދަންވާނީ ވެލިން މަތިން ކުޑަކޮށް ފެންނަ ވަރަށެވެ. ރަނގަޅަށް ބެލެހެއްޓިއްޖެނަމަ 90 ދުވަހުގެ ތެރޭގައި ފިޔާ ނެގޭވަރުވާނެއެވެ.
އިންދުމަށްފަހު ގަވާއިދުން ފެންދީ، ރުކުފަން ނުވަތަ ހިކި ހުއި ފަދަ އެއްޗަކުން ބެޑު މަލްޗްކުރަންވާނެއެވެ. ފިޔާ ފަޅައިގެން ހެދެންފެށުމުން، ވާރޭވެހި ނުވަތަ ފެންދިނުމުގެ ސަބަބުން ވެލި ފައިބާނަމަ، އެކަން ރަނގަޅުކުރަންޖެހޭނެއެވެ.
ފިޔާ އިންދުމުގެ ކުރިން ކާދު އަޅައި، އުދަލިން ފަސްގަނޑު ރަނގަޅަށް އެއްކުރަންވާނެއެވެ. 2 ފޫޓު ފުޅާމިނާއި 10 ފޫޓު ދިގުމިނުގެ ބެޑަށް 400 ގްރާމުގެ ކެމިކަލް ގަސްކާނާ އެޅުމަށްފަހު ފަސްގަނޑާ އެއްކުރަންވާނެއެވެ.
ގަސްކާނާގެ ގޮތުގައި ޕޮޓޭސިއަމް މަތީ މިންވަރަކަށް އެކުލެވޭ މިކްސް ފަރޓިލައިޒަރެއް ބޭނުންކުރަންވާނެއެވެ. ކާނާ އަޅަންވާނީ 3 ހަފްތާއިން އެއްފަހަރު، ޖުމްލަ 3 ފަހަރަށެވެ. ކޮންމެ ފަހަރަކުވެސް 300 ގްރާމްގެ މިންވަރަށް ކާނާ އަޅަންވާނެއެވެ. ކާނާ އެޅުމުގައި، ކޮންމެ ދެ ބަރިއެއްގެ ދޭތެރޭގައި ރޮނގެއް ދަމައި، 1 އިންޗި ފުންމިނަށް، ހުރިހާ ގަހަކަށް ހަމަހަމަވާ ގޮތަށް އަޅަންވާނެއެވެ.
ވިނަ ނޮޅުމަކީ ފިޔާ ބެޑްތަކުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމެކެވެ. މިކަމުގައި ވިނަމަރާ ބޭސް ބޭނުންކުރުމުގެ ބަދަލުގައި، އަތުން ވިނަ ނޮޅައި ސާފުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މަށަންދަތި ފަދަ އެއްޗެހި ބޭނުންކުރުމުގެ ބަދަލުގައި، އަތުން ވިނަ ނޮޅައި، ހެދެމުންދާ ފިޔާތަކުގެ ވަށައިގެން ހުންނަ ވެލިގަނޑު މަޑުކޮށްލުމަކީ މުހިންމު ކަމެކެވެ.
ފެންދިނުމުގައި، ފިޔާ އިންދުމުގެ ކުރިން ބެޑް ރަނގަޅަށް ތެންމާލަންވާނެއެވެ. އިންދުމަށްފަހުވެސް ބިންގަނޑު އަޑިއާ ހަމައަށް ތެންމެންދެން ފެންދޭންވާނެއެވެ. ފުރަތަމަ ދެ ހަފްތާގައި ދުވާލަކު ދެފަހަރު ފެންދޭންވާނެއެވެ. ނަމަވެސް މޫސުމަށް ބަލައި، ވިއްސާރަވެހޭނަމަ ފެންދިނުން ހުއްޓާލެވިދާނެއެވެ. ތިން ހަފްތާވުމުން ދުވާލަކު އެއްފަހަރު ފެންދިނުން ފުދޭނެއެވެ. ފިޔާ ކޮނުމުގެ ދެ ހަފްތާ ކުރިން ފެންދިނުން ހުއްޓާލައި، ފިޔާތައް ހިއްކުމަށް ވަގުތު ދޭންވާނެއެވެ.
ފިޔާގަހަށް ޖެހޭ މައިގަނޑު ބައްޔަކީ "ތްރިޕްސް" ކިޔާ ބައްޔެކެވެ. ކުދި ކުދި ސުއިއްޕެކެވެ. މި ސޫފިތައް ފަތްތަކުގައި އެޅުމުން ގަސް ހަލާކުވެ، ރަނގަޅަށް ނުހެދެއެވެ. މިފަދަ ހާލަތެއްގައި ޑައިމެތޮއޭޓް ފަދަ އިންސެކްޓިސައިޑެއް ސްޕްރޭކުރަންވާނެއެވެ.
ފިޔާ ކޮނުމުގެ ވަގުތު ޖެހުނީކަން އެނގޭނެ އެންމެ މުހިންމު ނިޝާނަކީ ގަހުގެ ފަތްތައް ދެބައިކުޅަ އެއްބައި މަރުވެފައި ހުރުމެވެ.
ފިޔާ އިންދާތާ ގާތްގަނޑަކަށް 80 އިން 90 ދުވަހުގެ ތެރޭގައި ފަތްތައް މަރުވާން ފަށާނެއެވެ. މިއީ ފިޔާ ކޮނުމުގެ އެންމެ ރަނގަޅު ވަގުތެވެ.
ފިޔާ ކޮނުމުގައި އެންމެ ފަސޭހަ ގޮތަކީ ގަހުގެ ބުޑުގައި ރަނގަޅަށް ހިފައިގެން މައްޗަށް ދަމާލުމެވެ. މިގޮތަށް ދަމާލުމުން ފަސޭހައިން ފިޔާ އުފުރިގެންދާނެއެވެ. އޭގެފަހުގައި ހިޔަލުގައި ބަހައްޓައިގެން ހިއްކުމަށްފަހު، މަރުވެފައިވާ ބޭރު ފަށަލަ ނޮޅާލައި ސާފުކުރާނީއެވެ. ދެން މޫތައް ކަނޑާލުމަށްފަހު ފަތްތައް އިންޗިއެއްހާ ދިގުމިނަށް ކުރުކޮށްލާނީއެވެ.
ފިޔާ ގިނަދުވަހަށް ބެހެއްޓުމަށް އެންމެ ރަނގަޅީ ވައި ދައުރުވާގޮތަށް ދާގަނޑު ގޯންޏެއްގައި ރައްކާކުރުމެވެ.