އެމެރިކާގައި ޓިކްޓޮކް ބަންދުކުރަން އުޅޭތީ، ގިނަ އަދަދެއްގެ އެމެރިކާގެ ޔޫސަރުން ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕް 'ރެޑްނޯޓް' ނުވަތަ 'ޝިއަވޯހޮންގްޝޫ' އަށް ބަދަލުވަމުންދާކަމަށް ވެއެވެ. މިއީ ޗައިނާގެ އިންޓަނެޓް ފަޔަރވޯލް ނެތް މަދު އެޕްތަކުގެ ތެރެއިން އެޕެކެވެ.
އެމެރިކާ ސަރުކާރުން ޓިކްޓޮކް ބަންދުކުރަން އުޅެނީ ޗައިނާއިން އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު ހޯދަން އެޕް ބޭނުންކުރާކަމަށް ބުނެއެވެ. ނަމަވެސް މިކަމާ ދެކޮޅަށް އެމެރިކާގެ ގިނަ ޔޫސަރުން ވަނީ ސީދާ ޗައިނާގެ އެޕެއް ކަމަށްވާ ރެޑްނޯޓް ޑައުންލޯޑްކޮށްފައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި 700،000 އައު ޔޫސަރުން ރެޑްނޯޓަށް ބަދަލުވެފައިވެއެވެ.
މި އެޕްގައި އެމެރިކާގެ ޔޫސަރުންނާއި ޗައިނާގެ 300 މިލިއަން މެންޑަރިން ވާހަކަދައްކާ މީހުން ގުޅިފައިވެއެވެ. ދެ ގައުމުގެ ރައްޔިތުން މި އެޕްގައި ތަފާތު ފޮޓޯތައް ހިއްސާކޮށް، ކާބޯތަކެއްޗާއި، ޓީވީ ޝޯތަކާއި، ވަޒީފާތަކާ ބެހޭ ވާހަކަތައް ދައްކަމުންދެއެވެ. އަދި ގިނަ އެމެރިކާގެ ޔޫސަރުން އެމީހުންގެ ސަރުކާރާ ދެކޮޅަށް މަޖާކުރުމުގެ ގޮތުން އަމިއްލައަށް އެމީހުންނަކީ "ޗައިނާގެ ޖާސޫސުން" ކަމަށް ބުނަމުންދެއެވެ.