މެންޗެސްޓަރ ސިޓީން ފްރެންކްފަޓްގެ މިސްރުގެ ތަރި އުމަރު މަރްމޫޝް ސޮއިކުރުމަށް އެއްބަސްވުމަކާ ހަމައަށް ވާސިލުވެއްޖެކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ. 25 އަހަރުގެ މި ކުޅުންތެރިޔާ މި ސީޒަނުގައި ވަނީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ކުޅުމެއް ދައްކާ، ބުންޑެސްލީގާގައި 15 ލަނޑު ޖަހާފައެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ އެތައް ކުލަބަކުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މަރްމޫޝް ފްރެންކްފަޓާ ގުޅުނީ 2023 ގައި ވޮލްސްބަރގުން ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައެވެ. އޭނާ މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށް ދެ ކުލަބުން އެއްބަސްވެފައިވާ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ސިޓީގެ ކޯޗު ވަނީ ފާއިތުވި ޓްރާންސްފަރ ވިންޑޯގައި އައު ކުޅުންތެރިން ނުހޯދުނު ކަމީ ކުރެވުނު ގޯހެއްކަމަށް ފާހަގަކޮށްފައެވެ. މިއީ ހާލަންޑްގެ ފަރާތުން ގޯލުތައް ނުފެންނަމުންދާ ދަނޑިވަޅެކެވެ.
މީގެއިތުރުން، ސިޓީން ވަނީ ލެންސްގެ އުޒްބެކިސްތާނު ޑިފެންޑަރު އަބްދުކާދިރު ކުސަނޯވް 33.6 މިލިއަން ޕައުންޑަށް ގެނައުމަށް އެއްބަސްވެފައެވެ. އަދި ޔުވެންޓަސްގެ އެންދްރިއާ ކެމްބިއާސޯ ހޯދުމަށްވެސް މަޝްވަރާތައް ކުރިއަށްދާކަމަށް ރިޕޯޓުކުރެވެއެވެ. 24 އަހަރުގެ ކެމްބިއާސޯ މި ސީޒަނުގައި ވަނީ 25 މެޗު ކުޅެ، 2 ލަނޑު ޖަހާފައެވެ. ވޭތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއަރ ލީގު ކާމިޔާބުކުރި ސިޓީ މިވަގުތު އޮތީ ލީގުގެ ހަވަނައިގައެވެ.