375,000 ދިވެހި ރައްޔިތުންގެ ވޯޓުން އައި ސަރުކާރެއް ވައްޓާލުމުގެ ނިޔަތުގައި ކުޑަބޭރުވެސް ނޭރޭނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރަށް، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ވާހަކަފުޅުތަކުން އެނގިގެންދަނީ އޭނާގެ ބޮލަށް ބޭސްކުރަން ޖެހިފައިވާ މިންވަރު ކަމަށެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ 75 މަޖިލިސް މެންބަރުންނާއި 375,000 ދިވެހި ރައްޔިތުންގެ ވޯޓުން އައި ސަރުކާރެއް ވައްޓާލުމުގެ ނިޔަތުގައި ކުޑަބޭރުވެސް ނޭރޭނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ރައްޔިތުންގެ ވެރިކަން ދިފާއުކުރުމަށް ވަރަށް ކެރިގެން އަދި ވަރަށް ސާބިތުކަމާއެކު ތިބިކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނާ އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ތަންމިނަށް އޮންނާނެ. މީގެ ބޭރުން ހިރިލުމުގެ ފުރުސަތު ހޯދޭނީ 375,000 ރައްޔިތުން ފޫއަޅުވާފަ. ކުރިމަތީގައި އެތުރިލާނަން އެދުވަހަކުން،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިއީ އެމަނިކުފާނުމެންގެވެސް ގައުމު ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ މެޖޯރިޓީ ދީގެން ގެނައި ސަރުކާރެއް ކަމަށެވެ. އަދި މާޒީގައި ބަޔަކު ކަމެއް ކޮށްފައި އޮވެގެން މިއަދު އެގޮތަށް އެކަން ކުރެވިދާނެ ކަމަށް ދެކެންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ނަސީރު ތިޔަގޮވަނީ ދައްކަވަމުން ތިޔަގެންދަވާ ވާހަކައައް ވިސްނާލީމަ ސާފްވަނީ އުމަރުގެ ބޮލައްބޭސް ކުރަންޖެހިފަ ހުރިކަން ވެރިކަން 75 މަޖިލިސް މެންބަރުން . 375000 ދިވެހިރައްޔިތުން ވެރިކަން ވައްޓާލުމުގެ ނިޔަތުގަ ކުޑަބޭރުވެސް ނޭރޭނެ މިތިބީ ވަރައްކެރިގެން މިތިބީ ވަރައްސާބިތުކޮން… pic.twitter.com/Qn0USitdBr
— Mohamed Ismail (@MPMohdIsmail) January 17, 2025
މެންބަރު މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވެފައިވާއިރު، މަގުމަތިން ސަރުކާރު ވައްޓާލުމުގެ ޤާބިލުކަން އެބަހުރި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވައި ފެއިލުވެވަޑައިގެންނެވި ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ. "ޗެނަލް13″ އިން ގެނެސްދޭ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ދެން އަންނަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ޢުމަރު ނަޞީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ މަގުމަތިން ވެރިކަން ވަައްޓާލަން ވަރަށް ކުޅަދާނަ ބައެއް ކަމަށާއި، އެކަން ނުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ޤަބޫލުފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީވެސް މަގުމަތިން ކަމަަށާއި، ރާއްޖޭގެ ތާރީޚުގައި ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ވެރިކަން ބަދަލުކޮަށްފައި އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވެރިކަން ވައްޓަން ބަންލަދޭޝް މީހުންނަށްވުރެ ދިވެހިން މާ ކުޅަދާނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވެރިކަން ވައްޓާލުމަކީ ދިވެހިންނަށް ނޯމަލް ކަމެއް." ޢުމަރު ނަސީރު ވިދާޅުވިއެވެ.
އަދި ވެރިކަން ވައްޓާލަން ޖެހޭ ޙާލަތަށް ގޮސްފިނަމަ، ޚުދު އެމަނިކުފާނުވެސް ވެރިކަން ވައްޓާލަން ނުކުންނާނެ ކަމަށާއި، އެކަން ކުރުމުގެ ޤާބިލުކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.