ޗައިނާއިން ފުރަތަމަ ފަހަރަށް އެ ޤައުމުގެ އިސް ސިޔާސީ ފަރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިކުރުމަށް ނިންމައިފިއެވެ. މިއީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ ނައިބު ރައީސް ހަން ޖެންގް ވަނީ ރައީސް ޝީ ޖިންޕިންގްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ. ރައީސް ޓްރަމްޕް ވަނީ ރައީސް ޝީ އަށް ވެސް މި ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ.
"އަޅުގަނޑުމެން ތައްޔާރަށް މިތިބީ އައު އެމެރިކާ ސަރުކާރާއެކު މަޝްވަރާތައް އިތުރުކޮށް، ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަން" ޗައިނާގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ފިއުޑަން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތަޖުރިބާކާރު ވޫ ޒިންބޯ ވިދާޅުވި ގޮތުގައި، ނައިބު ރައީސް ފޮނުވުމަކީ ޓްރަމްޕްގެ ދައުވަތަށް ޗައިނާއިން ދޭ އިހްތިރާމެކެވެ. އެމެރިކާގެ މުހިންމު ސަލާމަތީ ބައިވެރިން ކަމުގައިވާ ޖަޕާނާއި އިންޑިއާއިން ފޮނުވަނީ އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނެވެ.
ނަމަވެސް، އަންނަން އޮތް ޓްރަމްޕް ސަރުކާރުން، ޗައިނާއާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭނެކަން ފާޅުކޮށްފައިވެއެވެ. މި ހަފްތާގެ ކުރީކޮޅު، ސްޓޭޓް ސެކްރެޓަރީކަމަށް ހުށަހެޅިފައިވާ މާކޯ ރޫބިއޯ ވަނީ "ޗައިނާއަކީ އެމެރިކާއަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ވާދަވެރިޔާ" ކަމަށް ބުނެފައެވެ.