ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމަކީ 2001 ވަނަ އަހަރު ވެފައިވާ ދެ ގައުމުގެ ގުޅުމުގެ އެއްބަސްވުން އައުކޮށް، އިތުރަށް ފުޅާކުރުމަށް ވެވޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ވިޔަފާރި، ހަކަތަ، ދިފާއީ، ޓެކްނޮލޮޖީ އަދި އުމްރާނީ ތަރައްގީގެ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވޭނެއެވެ. ޚާއްސަކޮށް އުތުރު-ދެކުނު ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ކޮރިޑޯ (އައިއެންއެސްޓީސީ) ގެ މަސައްކަތްތަކަށް އިސްކަމެއް ދެވޭނެއެވެ.
"މިއަދު ސޮއިކުރެވުނު މުހިންމު އެއްބަސްވުމަކީ އަޅުގަނޑުމެންގެ ގުޅުމުގައި އައު ބޮޑު ބާބެއް ފެށިގެންދާނެ އެއްބަސްވުމެއް. ޚާއްސަކޮށް ވިޔަފާރި އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ،" އީރާނުގެ ރައީސް ޕެޒެޝްކިއަން މޮސްކޯގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ވިސާ ނުހޯދައި ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ކަސްޓަމްސް އަދި ބޭންކިންގ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައްވެސް ކުރެވުނު ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރަޝިޔާގެ ރައީސް ޕުޓިން މި އެއްބަސްވުމަށް ސިފަކުރެއްވީ "ހަގީގަތުގައިވެސް އައު ހޯދުމެއް" ގެ ގޮތުގައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރަޝިޔާ އަދި އީރާނުގެ އިތުރުން މުޅި ސަރަހައްދުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.