ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދާޚިލީ ސަލަމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނެ ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ޕީޖީ ގްރޫޕުން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ 12 މެންބަރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީން ވަނީ މި މައްސަލަ ފެއިލްކޮށްލާނެ ކަމަށް ބުނެފައެވެ.
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ މުޙައްމަދު އިސްމާޢިލް ވިދާޅުވެފައިވަނީ ދާޚިލީ ވަޒީރުގެ މައްޗަށް ޕީއެންސީގެ ފުރިހަމަ އިތުބާރު އޮތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ވަޒީރުގެ މައްޗަށް އޮތްހާ ހިނދަކު މި މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.
ވަޒީރު އިޙްސާންގެ ބެއްލެވުމުގެ ދަށުން ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރެވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރު މަޤާމުން ވަކިކުރުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ނެތުމުން މި މައްސަލަ ކާމިޔާބު ނުވާނެ ކަމަށް ބެލެވެއެވެ.