މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާގެ އައު ޤާނޫނުގެ ދަށުން، 28 ވަނަ ދުވަހުން ފެށިގެން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން ފަށާއިރު، މަދުވެގެން 40 މިލިއަން ޑޮލަރު މާރުކުރެވޭނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފިއެވެ.
މި ޤާނޫނުގެ ދަށުން ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، މިހާތަނަށް ރާއްޖޭގެ 175 ރިސޯޓުގެ ތެރެއިން 138 ރިސޯޓެއްގެ ސޭލްސް ރިޕޯޓް އެމްއެމްއޭއަށް ލިބިފައިވާއިރު، އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުންވެސް އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.
މި ޤާނޫނުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފެށުމާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ފުރާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު 500 އިން 1000 އަށް އިތުރުކުރުމާއި، ކްރެޑިޓް ކާޑު ލިމިޓް 1400 ޑޮލަރަށް ބޮޑުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.