އާމިރު ޚާންގެ އައު ފިލްމު 'ސިތާރޭ ޒަމީން ޕަރު' ގެ ޝޫޓިންގ މިހާރު ގުޖުރާތުގެ ވަޑޯދަރާގައި ކުރިއަށްދާ ކަމަށް ބުނެފިއެވެ.
މި ޝޫޓިންގ ޖެނުއަރީ 21 އިން 25 އަށް ކުރިއަށްދާނެ ކަމަށް ބުނެއެވެ. މިއީ 2007 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދި 'ތާރޭ ޒަމީން ޕަރު' ގެ ސީކުއަލް އެކެވެ.
އާރު.އެސް. ޕްރަސަންނާ ޑައިރެކްޓް ކުރާ މި ފިލްމަކީ ސްޕޯޓްސް ޑްރާމާ އެކެވެ. އާމިރު ޚާން އަދި ކިރަން ރާވް ޕްރޮޑިއުސް ކުރާ މި ފިލްމުގައި އާމިރު ޚާން އަދި ޖެނީލިއާ ދޭޝްމުކް ލީޑް ރޯލްގައި ފެނިގެންދާނެއެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 25 ގައެވެ.
ހޮލިވުޑް ރިޕޯޓަރަށް ދިން އިންޓަވިއުއެއްގައި އާމިރު ޚާން ބުނެފައިވަނީ 'ތާރޭ ޒަމީން ޕަރު' އަކީ ރޮއްވާލަން ހަދާ ފިލްމެއް ނަމަވެސް، 'ސިތާރޭ ޒަމީން ޕަރު' އަކީ ބެލުންތެރިން ހެއްވާލުމަށްޓަކައި، ހަދާ ކޮމެޑީ ފިލްމެއް ކަމަށެވެ. ދެ ފިލްމުގެ މައުޟޫޢަކީ ތަފާތު ޤާބިލިއްޔަތުތައް ހުންނަ މީހުންގެ ވާހަކަ ނަމަވެސް، މި ފިލްމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާ 10 މީހުން އާމިރުގެ ކެރެކްޓަރަށް އެހީތެރިވެދޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.