8 ފެބުރުވަރީ 2025

ގިނިމަސް ފާނަ ދެނެގަންނަން ފަސޭހައީ ކީއްވެ؟

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަކަތަކާއި ގާތަކުގެ މާޙައުލުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ ފާނައިގެ ބާވަތެކެވެ.

މިމަސް ގިނައިން ބޭނިފައި ހުންނަނީ ދުވާލު ނަނުފައްތައިގެންކުރާ ކެޔޮޅުކަމުގައެވެ. މިއީ ގިނައިން ބޭނޭ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަހެކެވެ. މިމަސް ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅެނީ އެކަހެރިކޮށެވެ. މިއީ މަސްބޭނުމަށް އެއްލާ އެންގަޑުގެ ވަށައިގެން އޭގައި ނުހިފާ ވަރަށް ގިނައިރު އުޅޭމަހެކެވެ. ގިނިމަސްފާނައަކީ ފުޅާކޮށް، ފަތިކޮށް، ގިނިމަހުގެ ސިފައަށް ހުންނަމަހެކެވެ. މިއީ މޫދުތެރޭގައި އުޅޭއިރު ދެނެގަންނަން ވަރަށް ފަސޭހަމަހެކެވެ. ސަބަބަކީ މަހުގެ ސިފައާއި ކުލަވަރު، އެހެނިހެން ފާނަތަކާއި ވަރަށް ބޮޑަށް ތަފާތުކޮށް ހުންނާތީއެވެ. މަހުގެ ކަރުތާފަތްގަޑުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށްނެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ އެއްވަރަކަށް ކަނޑާލާފައި ހުންނަހެންނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 17 ނުވަތަ 18 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ. މަހުގެ އަނގައިގެ އެތެރޭގައާއި ކަރުތާފަތުގެ އެތެރެއަށް ހުންނަބައިގެ ކުލައަކީ ގަދަ ރަތްކުލައެވެ. މިއީ ގާތްގަޑަކަށް 60 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކާނާއަކީ ކުދި މަހާއި ކަކުނިފާޑުގެ ސޫތްޕެވެ.


މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު