ފައިޓަރ ގެ ޕްރޮމޯޝަންތަކުގައި ދީޕިކާ ޕަޑުކޯން މާދަމާއިން ފެށިގެން ފެންނާނެކަމަށް ޑައިރެކްޓަރ ސިއްދާތު އާނަންޑް ހާމަކޮށްފިއެވެ.
އިންޑިއާގެ ފުރަތަމަ އެއަރިއަލް އެކްޝަން ފިލްމްކަމަށް ބެލެވޭ "ފައިޓަރ" ގެ ޕްރޮމޯޝަން ތަކުގައި ލީޑިންގ އެކްޓްރެސް ދީޕިކާ ޕަޑުކޯން ބައިވެރިނުވާތީ ގިނަ ފޭނުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މާދަމާއިން ފެށިގެން އޭނާ ޕްރޮމޯޝަންތަކުގައި ބައިވެރިވާނެކަމަށް ފިލްމްގެ ޑައިރެކްޓަރ ސިއްދާތު އާނަންޑް ވަނީ ބުނެފައެވެ.
ބޮލީވުޑް ހަންގާމާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސިއްދާތު އާނަންޑް ބުނީ މިއީ ޕްރޮމޯޝަނަލް ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައި ނިންމާފައިވާ ކަމެއް ކަމަށެވެ.
"މާދަމާއިން ފެށިގެން ދީޕިކާ ކޮންމެ ތަނެއްގައިވެސް ފެންނާނެ. މީހުން މިކަމާ ދޭތެރޭ ވަރަށް ގިނަ ހީތައް ކުރޭ. ޓްރެއިލަރ ލޯންޗްގައި ދީޕިކާ ބައިވެރިވާން ހަމަޖެހިފައި އޮތީ، އެކަމަކު އޭރު އޭނާގެ ހާލު ރަނގަޅެއް ނޫން،" ޑައިރެކްޓަރ ބުންޏެވެ.
ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯން ފުރަތަމަ ފަހަރަށް އެއް ފިލްމެއްގައި ފެނިގެންދާ މި ފިލްމްގެ ޕްރޮމޯޝަންތައް ދީޕިކާ ނެތި ފުރިހަމަ ނުވާނެކަމަށްވެސް ސިއްދާތު އާނަންޑް ވަނީ ފާހަގަކޮށްފައެވެ.
"ރިތިކް އަދި ދީޕިކާގެ ޖޯޑަކީ މި ފިލްމްގެ އެންމެ މުހިންމު ހައިލައިޓްތަކުގެ ތެރެއިން އެއް ކަން. ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މި ދެ ތަރިން އެއްފިލްމެއްގައި ފެނުމަކީ ވަރަށް ބޮޑު އުފަލެއް،" އޭނާ ބުންޏެވެ.
ފިލްމް "ފައިޓަރ" ގެ ޓްރެއިލަރ ދައްކާލުމަށްފަހު މި ފިލްމަށް ފޭނުންގެ ޝައުގުވެރިކަން ވަނީ އިތުރަށް އުފެދިފައެވެ. އިންޑިއާގެ ފުރަތަމަ އެއަރިއަލް އެކްޝަން ފިލްމްގެ ގޮތުގައި ތައާރަފުކުރެވޭ މި ފިލްމަކީ ގިނަ ބަޔަކު ބޮޑު އުންމީދުތަކަކާއެކު ބަލަން ބޭނުންވާ ފިލްމެކެވެ.