ފައިނޭންޝަލް ޓައިމްސް (އެފްޓީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުން އެނބުރި އައިއިރު ފެންނަނީ ހަލާކުވެ ވީރާނާވެފައިވާ ބިންތަކެވެ. ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އަދި ގެދޮރު ވަނީ ރަޙްމެއް ނެތި ހަލާކުކޮށްލާފައެވެ.
މަސްތަކެއް ވަންދެން ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 2 މިލިއަން މީހުން ވަނީ ނިކަމެތިކަމާއެކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އާދީއްތަ ދުވަހު ހިނގަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ބައެއް މީހުންނަށް ވަނީ އެނބުރި އެމީހުންގެ ގެތަކަށް ދެވިފައެވެ. ނަމަވެސް ގާޒާގެ ދެކުނުގައިވާ ރަފާ އިން ފެށިގެން އުތުރުގައިވާ ޖަބާލިޔާއާ ހަމައަށް ފެންނަނީ ވީރާނާވެފައިވާ މަންޒަރެވެ. މަގުތަކާއި، ފިހާރަތަކާއި އަދި ޕާކުތައް ވަނީ ވެއްޔާއި، ދަގަނޑާއި އަދި ފުނޑުފުނޑުވެފައިވާ ކޮންކްރީޓްގެ ބިންތަކަކަށް ބަދަލުވެފައެވެ.
ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ގާތްގަނޑަކަށް 47،000 މީހުން ވަނީ ޝަހީދުވެފައެވެ. އދ. އިން ބުނާ ގޮތުގައި ގާޒާގެ 92 އިންސައްތަ ގެދޮރު ވަނީ ވީރާނާވެފައެވެ. އަދި މިހާރު ގާޒާގައި ވަނީ 50 މިލިއަން ޓަނުގެ ކުނިބުންޏެވެ. މި ކުނިބުނި ނެގުމަށް 21 އަހަރު ނަގާނެ ކަމަށާއި އަދި މިކަމަށް 1 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
ގިނަ މީހުންނަށް އެނބުރި އެމީހުންގެ ގެތަކަށް އައުމުން ކުރިމަތިވަނީ އިތުރު ހިތާމައަކާއެވެ. އެމީހުންގެ ލޮބުވެތިން ވަނީ ވެއްޓިފައިވާ ގެތަކުގެ ދަށުގައި ވަޅުލެވިފައެވެ. ގާޒާގެ ސިވިލް ޑިފެންސް އޮތޯރިޓީން ލަފާކުރާ ގޮތުގައި މަރުވެފައިވާ 10،000 މީހުންގެ ހަށިގަނޑު ވަނީ އަދިވެސް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައެވެ.
ހަނގުރާމައަށްފަހު އަލުން އާރާސްތުކުރުމުގެ ސާފު ޕްލޭނެއް އަދި ނެތެވެ. ކުނިބުނި ނެގުމުގެ މަސައްކަތް ބިނާވެފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިގެންދާނެ މުއްދަތެއްގެ މައްޗަށެވެ. މިހާރު އެއްބަސްވެފައިވަނީ ފުރަތަމަ 6 ހަފްތާއަށެވެ. އެއަށްފަހުގެ ދެ މަރުހަލާ ވަނީ އަދިވެސް ޔަގީންކަމެއް ނެތް ހާލަތެއްގައެވެ.