މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބަދަލު ގެނެސްފިއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ.
ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން 1 (އެކެއް) އަހަރު ހަމަވުމުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިދިޔަ އަހަަރުގެ އޮކްޓޫބަރުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ.
މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.
ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބެންކު (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ.
ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.
2016ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.