އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހައްލުކުރަން ދަތި ހާލަތެއްގައި ޖެހިފައިކަމަށް އިސްރާއީލީ މީޑިއާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ.
އިސްރާއީލީ ނޫސް މައަރީވްގައި ޝާއިއުކުރި ރިޕޯޓެއްގައި، ރިޓަޔަރކޮށްފައިވާ މޭޖަރ ޖެނެރަލް އިޓްޒަކް ބްރިކް ވިދާޅުވެފައިވަނީ ނަތަންޔާހޫ ވަނީ ދެ ކަމެއްގެ ދެމެދުގައި ޖެހި ތާށިވެފައެވެ. އެއީ މާލިއްޔަތު ވަޒީރު ބެޒަލެލް ސްމޮޓްރިޗްއަށް ވީ ވައުދު، ފުރަތަމަ 33 އިސްރާއީލީ އަސީރުން ދޫކޮށްލުމަށްފަހު 42 ދުވަސް ފަހުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ އަލުން ފަށާނެކަމުގެ ވައުދު ފުއްދުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަހަށް ތަބާވުމެވެ. އެއީ އެއްބަސްވުމުގައި ސޮއިކުރުމުން ހަނގުރާމަ ނިމި، ތިބިހުރި އަދި މަރުވެފައިވާ 94 އަސީރުން ދޫކޮށްލާނެކަމަށް ޓްރަމްޕް ވިދާޅުވި ބަހެވެ.
މައަރީވްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއިން ދެވަނަ މަރުހަލާއަށް ދިއުމުން ނަތަންޔާހޫއަށް ސްމޮޓްރިޗްގެ ތާއީދު ގެއްލޭނެއެވެ. މާލިއްޔަތު ވަޒީރަށް ނަތަންޔާހޫ ވީ ވައުދަކީ އަސީރުން ސަލާމަތްކުރުމަށްވުރެ އަދި "އިސްރާއީލް"ގެ ސަލާމަތަށްވުރެ ވެރިކަމުގައި ދެމިހުރުން މުހިންމުކަން ދައްކުވައިދޭ ހެއްކެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގެ އެއްބަސްވުން ބޮލާލައިޖެހުމުން އިސްރާއީލީ މުޖުތަމައުއާއި އަދި އެމެރިކާގެ ސަރުކާރާ ކުރިމަތިލާން ޖެހިދާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓްރަމްޕްގެ ނުފޫޒެއް ނެތްނަމަ، ހަމާސްއާއެކު އެއްބަސްވުމުގައި ސޮއިނުކޮށް، ސަތޭކަ އެތައް މީހުންގެ ފުރާނަ ގެއްލި، ޣައްޒާގައި ތިބި އިސްރާއީލީ އަސީރުންގެ އެންމެން މަރުވެދާނެ ބޭކާރު ހަނގުރާމައަކަށް ވީސްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.